ވިޔަފާރި

މިދިޔަ މަހު އިންފްލޭޝަން 0.02 ޕަސެންޓް ދަށަށް

Dec 1, 2015

މިދިޔަ މަހު މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.02 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ. ރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގުގެ މައްޗަށް ބިނާކޮށް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރެފައިވާ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ނުވަތަ އިންފްލޭޝަން ހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 0.02 ޕަސެންޓުގަ އެވެ. ސެޕްޓެމްބަރު އިންފްލޭޝަން ހުރީ 0.04 ޕަސެންޓުގަ އެވެ. އަދި މަހުގެ އަގަށް އައި ބަދަލު ނުހިމަނައި ބަލާނަމަ އޮކްޓޫބަރު މަހުގެ އިންފްލޭޝަން ރޭޓްހުރީ 0.05 ޕަސެންޓުގަ އެވެ.

އަގުތައް ދަށަށް ދިޔަ ބާވަތްތައް

މިދިޔަ މަހު އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި މަހުގެ ބާވަތްތައް ހިމެނެ އެވެ. މަހުގެ އަގުތައް ވަނީ 0.83 ޕަސެންޓް ދަށްވެފަ އެވެ. އަދި އިންފޮމޭޝަން ޕްރޮސެސް ކުރަން ބޭނުންކުރާ ސާމާނު އަގުތައް ވެސް މިވަނީ 3.26 ޕަސެންޓް ދަށްވެފަ އެވެ. މީގެ އިތުރުން ގޭގައި ގެންގުޅޭ ސާމާނުގެ އަގުތައް ވެސް ވަނީ 0.68 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މީގެ އިތުރުން ސައިކަލްގެ އަގު ވެސް ވަނީ 0.70 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

އަގުތައް މައްޗަށް ދިޔަ ބާވަތްތައް

އަގުތައް މައްޗަށް ދިޔަ ބާވަތްތަކުގެ ތެރޭގައި ތަރުކާރީ ހިމެނެ އެވެ. ތަރުކާރީގެ އަގުތައް ވަނީ 1.85 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި ފިލްމް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތީގެ އަގުތައް ވަނީ 4.30 ޕަސެންޓް އުފުލިފަ އެވެ. މީގެ އިތުރުން ކިރާއީ ޗީޒް އަދި ބިހުގެ އަގުތަކުގެ އަގުތައް ވެސް ވަނީ 0.24 ޕަސެންޓް އުފުލިފައިވެ އެވެ.