ޕޯލް އެލެކްޒެންޑާ ގިނަ ބަޔަކު ދަންނަނީ ދަގަނޑު ފުއްޕާމެއެއްގެ ތެރޭގައި އޮންނަ މީހާގެ ގޮތުގަ އެވެ. މި މީހާ ލަންގް މެޝިނެއްގެ ތެރޭގައި އޮންނަނީ 1952 ވަނަ އަހަރުން ފެށިގެނެވެ. އެއީ އުމުރުން ހަ އަހަރުގައި ޕޯލިއޯ ޖެހުމުން އޭނާގެ ފުއްޕާމޭ ހަލާކުވެގެނެވެ.
ކަރުން ތިރި އެއްކޮށް ވާގި ނެތިފައި މި ދަގަނޑު ފުއްޕާމޭގެ ތެރޭގައި ޕޯލް އޮންނަތާ 70 ވަރަކަށް އަހަރު ވެފައިވާއިރު އޭނާގެ އޮޓޯބައިގްރޮފީ އޭނާ މިހާރު ވަނީ ލިޔެފަ އެވެ. އޭނާ ބައޮގްރޮފީ ލިޔުނީ އަނގަ ބޭނުން ކޮށްގެންނެވެ.
ޕޯލް އަށް ހަ އަހަރުގައި އެއް ދުވަހަކު ކުއްލިއަކަށް އޭނާއަށް ނޭވާ ނުލެވުނީ އެވެ. ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ބުނީ އޭނާ މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެތަނުގައި ހުރި އެއް ޑޮކްޓަރަކަށް ޕޯލް މަރުނުވާކަން ޔަގީން ވެގެން ވަގުތުން ކަރު ތޮރުފައިގެން އޭނާގެ ވިންޑްޕައިޕަށް ހޮޅިއެއް ލައްވައިގެން ނޭވާ ލެވޭ ގޮތް ހެދީ އެވެ. އެގޮތަށް އޭނާ ހޮސްޕިޓަލުގައި އެ ފަހަރު 18 މަސް ދުވަސް ހޭދަ ކުރި އެވެ.
މިޗް ސަމާޒް ތައްޔާރުކުރި ޑޮކިއުމެންޓްރީއެއްގައި ވާހަކަ ދައްކަމުން ޕޯލް ބުނީ އެ ޒަމާނުގައި މީހުން އޭނާ ދެކެ ވަރަށް ފޫހިވެ އެވެ. އޭނާ ފެނުނީމަ މީހުންނަށް އުނދަގޫވާ ކަމުގެ އިހްސާސް ވާކަމަށް ވެސް ޕޯލް ބުންޏެވެ.
ދުވާލު ހަތަރުދަމު އޭނާ ކުރަނީ ކީއްތޯ ސުވާލު ކުރުމުން ޕޯލް ބުނީ ހަމަ އެހެން މީހުން ވެސް ކުރާ ކަންތައްތައް ކަމަށެވެ.
"އަހަރެން ހެނދުނު ހޭލައިގެން ދަތް އުނގުޅާ މޫނުދޮވެ، ތުނބުޅި ބާލަން. ދެން ސައި ބޮނީ. މިކަންކަން ކުރަން އަހަރެންނަށް ބޭނުން ވަނީ ވަރަށް ކުޑަ ކުޑަ އެހީތެރިކަމެއް. ދެން އަހަރެން ކޮންމެވެސް ފޮތެއް ކިޔާލަނީ. ނުވަތަ އެއްޗެއް ދަސްކޮށްލަނީ. އަދި ކުރެހުމާއި ކުލަ ޖެއްސުން ފަދަ ކަންކަން ވެސް ކުރަން. ހަމައެކަނި ޓީވީ ބެލުމަކީ އަހަރެން ކުރާހިތްވާ ކަމެއް ނޫން،" ޕޯލް ބުންޏެވެ.
ސްކޫލް ނިންމުމަށްފަހު ކޮލެޖަށް ވަނުމުގެ ފުރުސަތު ޕޯލް އަށް ނުލިބުނެވެ. އޭނާގެ "ނުކުޅެދުންތެރިކަން" ބޮޑުކަމުންނެވެ. އަދި ޕޯލިއޯ ވެކްސިން ނުޖަހާތީ އެވެ. ނަމަވެސް ދެ އަހަރު ދުވަހު އޭނާ ކުރި މަސައްކަތުން އެންމެ ފަހުން އޭނާއަށް ކޮލެޖުގައިކިޔަވަން ފުރުސަތު ލިބުނެވެ. ވެކްސިން ޖެހުމާއި އޭނާ އާއި ޒިންމާ ވާނެ ތަނެއް ހޯދައިގެންނެވެ.
ޕޯލް އެންމެ ފަހުން ބާ އެގްޒޭމް ހަދައިގެން ގާނޫނީ ވަކީލެއްގެ ފާސް ހޯދި އެވެ. އަދި މިހާރު އޭނާގެ މަސައްކަތަކީ ގަލަން އަނގައިން ހިފަހައްޓައިގެން ބައޮގްރޮފީ ލިޔުމެވެ.
ޕޯލް ބުނި ގޮތުގައި އޭނާގެ ހަޔާތުގެ ވާހަކައަކީ އެހެން މީހުންނަށް ވަރަށް އިބުރަތްތެރި ފިލާވަޅަކަށް ވާނެ އެވެ. ހަޔާތުގައި ކޮންމެ ކަހަލަ ދަތި އުނދަގޫތަކެއް ކުރިމަތިވިޔަސް އަދި ކިތަންމެ ބޮޑު ގޮންޖެހުންތަކަކާ ދިމާވިޔަސް ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ އެ ހުރިހާ ކަމަކުން އަރައިގަނެވޭނެކަން ޕޯލް ގަބޫލު ކުރެ އެވެ. އެންމެ ފަހަރަކުވެސް އޭނާ އަމިއްލަ ހަޔާތާ މެދު މާޔޫސް ނުވެ އެވެ.
"އަހަރެންގެ ވާހަކައިން ލިބޭނެ އެންމެ ބޮޑު އިބުރަތަކީ އިންސާނެއްގެ ހުރި ނުކުޅެދުންތެރި ކަމަކީ އޭނާގެ މުސްތަގްބަލް ކަނޑައަޅާ އެއްޗެއް ނޫންކަން،" ޕޯލް ބުންޏެވެ.