ސާފް ޗެމްޕިއަންޝިޕް

ޓިކެޓްގެ ބޮޑު މަންޒަރު، ދިވެހި ފުޓްބޯޅައިގެ ފޯރި

ރާއްޖޭގައި އިއްޔެ އެންމެ ހޫނު ވެގެން ދިޔަ މައްސަލަ އަކީ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖެ ކުޅޭ މެޗުގެ ޓިކެޓް ނުލިބިގެން ގިނަ ބަޔަކު ހަޅުތާޅު ކުރި މައްސަލަ އެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ބައްދަލުކުރާނީ ރާއްޖެ އާއި ސްރީލަންކާ އެވެ. މި މެޗުގެ ޓިކެޓް ވިއްކަން ފެށީ އިއްޔެ ހެނދުނު 10:00 ޖެހިއިރު އެވެ. އެހެން ނަމަވެސް ދިވެހި ޓީމު ކުޅޭތަން ބަަލައި ޓީމަށް ސަޕޯޓު ކުރުމުގެ ރޫހު ދިވެހީންގެ މެދުގައި އޮތްލެއް ބޮޑު ކަމުން ގިނަ ބަޔަކު ވަނީ ފަތިހު 5:30 އިން ފެށިގެން އޮލިމްޕަސް ކުރިމަތީ ހުންނަ ކައުންޓަރު ކައިރީގައި ޓިކެޓް ގަންނަން ކިއު ހަދާފަ އެވެ.

ގަދަ އަވީގައި 10:00 ޖަހަންދެން ގިނަ ބަޔަކު ޓިކެޓް ގަންނަން މަޑު ކުރިއިރު، ޓިކެޓް ވިއްކަން ފެށިތާ ބައި ގަޑީރު ނުވަނީސް ޓިކެޓްތައް ވަނީ ވިކި ހުސްވެފަ އެވެ. މިއާ އެކު ގިނަ ބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅުކޮށް އެ ސަރަހައްދުގައި ހަޅުތާޅު ކޮށްފަ އެވެ. ދަނޑު ތެރެއަށް ވަދެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާއަށް ވެސް ގޮވީ މަދު ބައެއް ނޫނެވެ.

މައްސަލަ ހޫނު ވުމާއި އެކު އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނީ ނުވިއްކާ ބާކީ ހުރީ މުބާރާތުގެ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާ ތަކަށް ހަމަޖެހިފައިވާ 2،500 ޓިކެޓް ކަމަށެވެ. އެކަމަކު ސަޕޯޓަރުންގެ ތަރުހީބު ބޮޑު ވުމާއި އެކު އޭގެ ތެރެއިން 1،000 ޓިކެޓް ރޭ އަށެއް ޖަހާއިރު ސޯޝަލް ސެންޓަރުގައި ވިއްކާނެ ކަމަށެވެ.

މި ބަޔާނާ އެކު ދަނޑު ކައިރީގައި މުޒާހަރާކުރަން ތިބި މީހުންގެ މިސްރާބު ބަދަލުވީ ސޯޝަލް ސެންޓަރާއި ދިމާލަށެވެ. އަދި ރޭގަނޑު އަށެއް ޖަހާއިރު ވިއްކަން ފަށާ ޓިކެޓް ގަންނަން މެންދުރު ފަހު ތިނަކުން ފެށިގެން އެ ސަރަހައްދުގައި ކިއު ދަމާލި އެވެ. ވަރުބަލި ކަމެއް ނެތި ކިއުގައި ތިބީ ގައުމީ ޓީމުޅޭ މެޗު ބެލުމަށެވެ. ޓީމަށް ހިތްވަރު ދިނުމަށެވެ.

މިފަހަރުގެ މުބާރާތް ފެށުމުގެ ކުރިން އެފްއޭއެމްގެ އިތުރުން ދިވެހި ޓީމުގެ ކޯޗު އަލީ ސުޒޭން އާއި ޓީމު ކުޅުންތެރިންގެ އެންމެ ބޮޑު ޝަކުވާ އަކަށް އޮތީ ދިވެހި ފުޓްބޯޅައިގެ ފޯރި ދަށްވެފައިވާ ވާހަކަ އެވެ. އާދޭސް ކުރަމުން ދިޔައީ ދިވެހިން ކުޅޭ މެޗު ތަކުގައި ސަޕޯޓަރުން ވަދެ ދަނޑު ފުރާލައި ދިވެހި ޓީމަށް ހިތްވަރު ދިނުމަށެވެ. މިއީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރާ "ތިން ވަނަ ފަހަރަށް" ހެދުމަށް 12 ވަނަ ކުޅުންތެރިޔަގެ ދައުރު އަދާ ކޮށްދިނުމަށެވެ.

މިކަމުގައި ދިވެހި ސަޕޯޓަރުން ވަނީ އެމީހުންގެ ދައުރު ވަރަށް ރަނގަޅަށް އަދާކޮށްފަ އެވެ. ރާއްޖެ ކުޅޭ ކޮންމެ މެޗެއްގައި ދަނޑު ފުރާލަ އެވެ. ދިވެހި ސަޕޯޓަރުންގެ އަޑުން މުޅި ދަނޑު އޮންނަނީ ގުގުމާލާފަ އެވެ. ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ހަމްޕު އޯވާ ހެޑަކުން ގޯލު ޖެހީވެސް ދިވެހި ސަޕޯޓަރުން އެއް އަޑަކުން "ގޯލެއް، ގޯލެއް" ގޮވަގޮވައި ހުއްޓައެވެ. މެޗު ނިމިގެން ދިވެހި ޓީމު ބަހުގައި ހޮޓަލަށް ދިޔައިރު ސަޕޯޓަރުން ޓީމުގެ ފަހަތުން ދުއްވީ ތައުރީފުގެ ބަސް ތަކުން ކުޅުންތެރިންގެ ހިތްތައް ފުރާލަމުންނެވެ.

މެޗަށް ފަހު ދިވެހި ކޯޗު ސުޒޭން އާއި ފުޓްބޯޅަ ލެޖެންޑް އަޝްފާގް ވެސް ބުނީ 12 ވަނަ ކުޅުންތެރިޔާގެ ދައުރު ދިވެހީން އަދާކުރަނީ ހީކުރި ވަރަށް ވުރެ މާ ފުރިހަމައަށް ކަމަށެވެ.

ޓިކެޓް ހުސް ވުމުން ހިތްހަމަ ނުޖެހުން ފާޅު ކުރުމާއި، ދަނޑު ފުރާލުމާއި، ސައިކަލު ބުރު ތަކުގެ އިތުރުން ބެރު ގްރޫޕް ތަކުން ދިވެހި ޓީމަށް ހިތްވަރު ދިނުމަށް ކުރިއަށް ގެންދާ ޝޯތަކުން ހާމަވާ އެއް ކަމެއް އެބައޮތެވެ. އެއީ ދިވެހީންގެ ހިތުގައި ދިވެހި ޓީމަށް އޮތް ލޯތްބެވެ. ރާއްޖޭގައި ދިވެހި ފުޓްބޯޅަައިގެ ފޯރި އަލުން ދިރި އާލާ ވަމުން އަންނަ ކެމެވެ.