އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ތުހުމަތު ކުރާ މުހައްމަދު އަމީން 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
ސުޕްރީމް ކޯޓުން އަމީންގެ މައްސަލަ ބަލައި އޭނާ ބަންދުގައި ބެހެއްޓުމަށް ކުރި އަމުރާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައި ވަނީ އޭނާގެ ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމެކެވެ.
ދައުލަތުގެ ފަރާތުން އެދިފައި ވަނީ ޑިސެމްބަރު 15، 2019 ވަނަ ދުވަހު ޝަރީއަތް ނިމެންދެން އަމީން ބަންދުކުރުމަށް ނެރެފައިވާ އަމުރު ދަމަހައްޓައި ދިނުމަށެވެ. ނަމަވެސް އެ އަމުރުގައިވާ ގަޒިއްޔާ ނަންބަރުތައް ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ވަނީ ބަދަލުވެފަ އެވެ.
އަމީންގެ ދިފާއީ ވަކީލުން ވަނީ އެކަމަށް އިއުތިރާޒް ކޮށްފަ އެވެ. އަމީންގެ ދިފާއީ ވަކީލުން އެދިވަޑައިގަތީ ހައިކޯޓުން ނެރެފައިވާ މޮނިކޮން އަމުރު ދަމަހައްޓައި ދިނުމަށެވެ. ދިފާއީ ވަކީލް އިސްމާއީލް ވިޝާމް ވިދާޅުވީ އަމީންގެ މައްސަލަ ވުޖޫދަށް އައިސްފައި ވަނީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައާއި ގުޅިގެން ކަމަށާއި، ނަމަވެސް ފަހުން އޭނާ ހައްޔަރުކޮށް ބަންދު ކޮށްފައި ވަނީ 2019 ވަނަ އަހަރު ކަމަށެވެ. އެހެންކަމުން އެ ދެމެދުގައި 12 އަހަރު ވޭތުވެ ހިނގައްޖެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ތުހުމަތު ކުރެވޭ އެއްވެސް އަމަލެއް އަމީންގެ ފަރާތުން ފެނިފައި ނުވާ ކަމަށެވެ.
އަދި ތަކުރާރުކޮށް އަމީން ދިރިއުޅޭ ގެއަށް ފުލުހުން ދިއުމާއި، ގެ ރެއިޑް ކުރުން ފަދަ ކަންކަމާއި ގުޅިގެން އޭނާގެ ތިން ކުދިންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ.
"ތަކުރާރުކޮށް މީޑިއާގައި ވެސް އެގޮތަށް [ޓެރަރިސްޓް] އަމީނަށް މުހާތަބު ކުރުމުގެ ނަތީޖާއަކަށްވީ ކުޑަކުޑަ ފަސް އަހަރުގެ ކުއްޖަކު އެ ކުއްޖާގެ ނަން ބުނުމަށްފަހު ބައްޕަގެ ނަން ބުނަނީ ޓެރަރިސްޓް ކުރިއަށް ލާފައި. ކުދިންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފައި. އަމީން ޖަލަށްލާން ވިސްނާއިރު އޭނާގެ ވަށައިގެން ތިބި މީހުންނަށް އަސަރުކުރޭ. ކުޑަކުޑަ ތިން ކުދިންނަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފައި،" ދިފާއީ ވަކީލް ވިދާޅުވި އެވެ.
ނަމަވެސް ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ނައުފަލް ވިދާޅުވެފައި ވަނީ އަމީންގެ ކުދިންގެ ނަފްސާނީ ބަލި ހުންނަ ކަމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ވެލިޑިޓީ އޮފް އިންފޮމޭޝަން ނެތް ކަމަށެވެ. ކުއްޖާއާއި ކުއްޖާގެ މަންމަ ދީފައިވާ މައުލޫމާތު ފިޔަވައި މިނިވަން އެހެން ފަރާތެއްގެ މައުލޫމާތު އެ ލިޔެކިޔުންތަކުގައި ހިމަނާފައި ނުވާ ކަމަށެވެ.
މީގެ އިތުރުން އަމީނަކީ ކުށުގެ ރެކޯޑާއި ހައްޔަރުގެ ރެކޯޑު ވެސް އޮތް މީހެއް ކަމަށާއި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ބާވަތުން ތުހުމަތު ކުރަނީ ޖިނާއީ ބޮޑު ކުށެއް ކަމަށެވެ. އެހެންކަމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިން ކޮށްފައިވާ އަމުރު ދަމަހައްޓައިދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ދިގު ބަހުސަކަށް ފަހު އަދި ދެ ފަރާތުގެ ވާހަކަތައް އެއްސެވުމަށް ފަހު ވަގުތީ ގޮތުން މައްސަލަ ބައްސަލަވަމުންދާ ގާޒީ އަލީ އާދަމް ވިދާޅުވެފައި ވަނީ މި މައްސަލައިގެ އަޑުއެހުންތައް މިހާރު ނިންމާލައިފައިވާ ކަމަށެވެ. އަމީންގެ ބަންދާ މެދު ނިންމި ނިންމުން މަތީ ކޯޓުތަކުގައި އިސްތިއުނާފް ކުރެވި، ގޮތެއް ކަނޑައެޅިފައިވާތީ ޑިސެމްބަރު 15، 2019 ގައި ނެރެފައިވާ އަމުރު މިހާރު ބާތިލްވެފައިވާ ކަމަށެވެ. ނަމަވެސް ގަޒިއްޔާ ނަންބަރު ބަދަލުވުން ފިޔަވައި މައްސަލައަށް އިތުރު ބައްދަލެއް ނާންނާތީ އަމީން 30 ދުވަހަކަށް ކަސްޓޯޑިއަލް ޖަލެެއްގައި ބަންދު ކުރަން ނިންމާ ކަމަށެވެ.
މައްސަލައިގައި އިތުރު ގޮތެއް ނިންމަވާނީ މި މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. މި މައްސަލަ ބައްލަވާ ގާޒީ މިވަގުތު ހުންނެވީ ޗުއްޓީގަ އެވެ.
ގާޒީ އިތުރަށް ވިދާޅުވެފައި ވަނީ ބަންދު މުރާޖައާ ކުރަން ބޭއްވި މި މަޖިލީހުގައި ކުޑަކުދިންތަކަކާ ގުޅިގެން ދައްކާފައި ވަނީ މައްސަލައާ ނުގުޅޭ ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން ގޮތް ކަނޑައެޅުމުގައި އެ ވާހަކަތަކަށް ރިއާޔަތްކޮށްފައެއް ނުވެ އެވެ.
އަމީންގެ ބަންދާމެދު ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާ ވަނީ މިނިވަން ކޮށްފަ އެވެ. ހައިކޯޓުން މިދިޔަ މަހުގެ 16 ވަނަ ދުވަހު އަމީން ދޫކޮށްލުމަށް އަމުރުކުރީ ދައުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާ ކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ވެސް ކުރުމަށް ފަހު އެވެ.
އެ މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުގެ އެ ނިންމުން ވަނީ ބާތިލްކޮށްފަ އެވެ. އަދި އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ވެސް އަމުރުކޮށްފައިވެ އެވެ.