ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
ނަމާލަކީ މިވަގުތު ލަންކާގެ ސްޕޯޓްސް މިނިސްޓަރު ކަމަށްވެފައި ލަންކާއަކީ ކްރިކެޓުގައި މުޅި ދުނިޔޭގައި ވެސް ފާހަގަ ކުރެވޭ ގައުމަކަށް ވާތީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވާ އާލާ ކުރުމަށް ލަންކާގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ވެސް ރައީސް ސޯލިހާއި ނަމާލް މަޝްވަރާ ކުރައްވާފައިވެ އެވެ.
ނަމާލް ވަނީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބާއްވާތީ އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެ، ދެ ގައުމުގެ ދެމެދުގައި ފުޓްބޯޅަ އަދި ކްރިކެޓް ކުރިއެރުވުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން މިއަހަރު ފަހުކޮޅު ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-26 ކޮންފަރެންސާ ގުޅޭގޮތުން ވެސް ދެބޭފުޅުން ހިޔާލު ބަދަލުކުރެއްވި އެވެ.
މި ބައްދަލުވުމުގައި ނަމާލް ވަނީ ރައީސް ސޯލިހުގެ ނަމާއެކު ލަންކާގެ ގައުމީ ޓީމުގެ ޖާޒީއެއް ރައީސަށް ހަދިޔާ ކުރައްވާފަ އެވެ.
މީގެކުރިން ވެސް ތަކުރާރުކޮށް ރާއްޖެ ވަޑައިގެން ރާއްޖޭގެ ސިޔާސީ އިސް ބޭފުޅުންނާ އެކި ފަހަރު މަތިން ނަމާލް ވަނީ ބައްދަލުކުރައްވާފަ އެވެ. ނަމާލް މިއަދު ހެނދުނު ރާއްޖެ ވަޑައިގަތީ މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ލަންކާއާއި ރާއްޖެ ބައްދަލުކުރާ މެޗު ބައްލަވާލެއްވުމަށެވެ.