ހަބަރު

ހަކަތައިގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާބެހޭ ބައްދަލުވުމެއް ފަށައިފި

ހަކަތައިގެ ދާއިރާއިން، ދެކުނު އޭޝިއާގެ ގައުމުތަކުގެ އަންހެނުން ބާރުވެރިކުރުމާ ބެހޭ ވޯކްޝޮޕެއް ފަށައިފި އެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދް ގައި ހުންނަ ސާކް އެނާޖީ ސެންޓަރުން އިންތިޒާމްކޮށްގެން، ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕަކީ ހަކަތައިގެ ދާއިރާ އިތުރަށް ފުޅާކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ނިޒާމެއް ސަރަހައްދީ ގައުމުތަކުގައި ގާއިމްކުރާނެ ގޮތްތަކާ، ހަކަތައިގެ ދާއިރާގައި އަންހެނުންގެ ދައުރާ ބެހޭގޮތުން މަޝްވަރާކުރުމަށް ސާކްގެ ހަތް ގައުމުން މެންބަރުން ބައިވެރިވާ ވޯކްޝޮޕެކެވެ.

މިއަދުގެ ބައްދަލުވުން ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް އެންވަޔަރަމަންޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު މުޅި އިންސާނިއްޔަތަށް ކުރަން ފަށާފައިވާއިރު، އެ ބަދަލުތަކަކީ 21 ވަނަ ގަރުނުގެ ތަރައްގީއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރަން މުޅި ދުނިޔެއިން މަސައްކަތް ފަށާފައިވާއިރު ތެޔޮ އެންދުމުގެ ސަގާފަތަށް ނިންމުމެއް ގެންނަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށާ، މިއަދުގެ ވޯކްޝޮޕްގައި ތެޔޮ އެނދުން މަދުކޮށް، ސަރަހައްދީ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ފުޅާކުރާނެ ގޮތްތަކާ ބެހޭ މަޝްވަރާ ކުރާނެ ކަމަށެވެ.

މަތީނު ވިދާޅުވި ގޮތުގައި، ރާއްޖެއާ ހިލާފަށް އަވައްޓެރި ގައުމުތަކުގެ ގޮތުގައި ހިމެނޭ ގައުމުތަކަކީ އާބާދީ ބޮޑުވުމުގެ ސަބަބުން، ކަރަންޓާ އެހެންވެސް ބައެއް އަސާސީ ހިދުމަތް އެންމެނަށް ލިބޭ ގައުމުތަކެއް ނޫނެވެ. އަދި އެފަދަ ގައުމުތަކުގައި ބައެއް އަންހެނުންނަކީ ވަރަށް ބޮޑަށް ބާކީކޮށްލާފައި ތިބޭ ބައެއް ކަމަށާ، އަންހެނުންނަކީ މުޖުތަމައުގެ ބޮޑު ހިއްސާއަކަށް ވާއިރު، ހަކަތައާ އެހެންވެސް ދާއިރާތަކުގައި އަންހެނުންގެ ލަފާ އޮތުމަކީ މުހިއްމު ކަމެއް ކަމަށް ސާކްގެ މެންބަރުން ގަބޫލުކުރާ ކަމަށެވެ.
މިއަދުގެ ވޯކްޝޮޕްގައި ބޮޑަށް މަޝްވަރާކުރާނީ ކަރަންޓް ފަދަ އަސާސީ ހިދުމަތްތައް ފުޅާކުރުމުގައި އަންހެނުންގެ ލަފާ ހޯދައި، އެފަދަ މަސައްކަތްތަކުގައި އެމީހުން ބައިވެރި ކުރަން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ކަމަށް ވެސް މަތީނު ވިދާޅުވި އެވެ.

"މި ގައުމުތައް ރާއްޖެ ގޮތެއް ނުވާނެ. ރާއްޖެއަކީ އާބާދީގެ 100 ޕަސެންޓަށް 24 ގަޑިއިރު ކަރަންޓް ލިބޭ ބައެއް. އަނެއްކާ ސާކްގެ އެހެން ގިނަ ގައުމުތަކަކީ އެއްފަސް ގައުމުތަކެއް. މިފަދަ ގައުމުތަކުގައި ކަރަންޓްގެ ހިދުމަތް ފުޅާކުރަން ވިއުގަ މެދުވެރިކޮށް ކަރަންޓު ދެވޭނެ ގޮތްތަކާ މިހެންގޮސް ވަރަށް ގިނަ ކަންކަމާ ބެހޭ މަޝްވަރާތަކެއް މި ބައްދަލުވުމުގައި ކުރެވޭނެ،" މަތީން ވިދާޅުވި އެވެ.

މަތީނު ވިދާޅުވީ، އަވައްޓެރި އެހެން ގައުމުތަކާ އަޅާ ބަލާއިރު، އަސާސީ ހިދުމަތް ފުޅާކުރުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ހަކަތައިގެ ދާއިރާއަށް ބަލާއިރު އާބާދީގެ 100 ޕަސެންޓަށް 24 ގަޑިއިރުގެ ކަރަންޓް ޔަގީންކޮށް، ތެލުގެ ބަދަލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ގައުމަކަށް ބަދަލުވުމުގެ ދަތުރުވެސް ރާއްޖެއިން މިހާރު ފަށާފައިވާކަމަށް ވެސް މަތީނު ވަނީ ވިދާޅުވެފަ އެވެ.

ސާކް އެނާޖީ ބައްދަލުވުމަކީ 2007ކުން ފެށިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ސަރަހައްދީ ބައްދަލުވުމެކެވެ.
މި މަސައްކަތު ބައްދަލުވުމުގައި ސާކް ގައުމުތަކުގެ ގޮތުގައި ހިމެނޭ އިންޑިއާ، ޕާކިސްތާން، ސްރީލަންކާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް އިން ބިނަ މެންބަރުންނާ، ސާކް އެނާޖީ ސެންޓަރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.