ފަޒްނާ އަހުމަދު

ނަފްސާނީ ބަލިތަކަށް ފަރުވާ ދޭނެ އުސޫލު އެކުލަވާލުމަށް އެދިވަޑައިގެންފި

Oct 10, 2021

ނަފްސާނީ ބަލިތަކަށް ފަރުވާދެއްވާ ބޭފުޅުންގެ ކޯޑު އޮފް އެތިކްސް ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަށް އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ގޮވާލައްވައިފި އެވެ.

މެޑަމް ފަޒްނާ އެކަމަށް ގޮވާލެއްވީ ވިލާ ކޮލެޖްގެ ސައިކޮލޮޖީ އެސޯސިއޭޝަން އިފްތިތާހު ކުރުމަށާއި ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ވިލާ ކޮލެޖުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަފްސާނީ ބަލިތަކުގައި ހިދުމަތްދެއްވާ ފަރާތްތަކުން އެ ހިދުމަތް ދިނުމުގައި އެތިކްސްގައި ހިފެހެއްޓެވުމަށާއި، ސްޓޭންޑާޑް ކޮމްޕްރަމައިޒް ނުކުރެއްވުމަށް ވެސް ފަޒްނާ އެދިވަޑައިގެންނެވި އެވެ. އެކަމަނާ ވަނީ 2016 އިން 2021 އަށް އެކުލަވާލާފައިވާ ނެޝަނަލް މެންޓަލް ހެލްތް ސްޓްރެޓިޖިކް ޕްލޭން 2016 – 2021ގައި ވާގޮތުގެ މަތިން ކޯޑް އޮފް އެތިކްސް އެކުލާވާލައި އެއަށް އަމަލުކުރަން ފެށުމުގެ މުހިއްމު ކަން ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގައި ވެސް ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރަމުންދާ މީހުން އިތުރުވަމުންދާތީ އެކަމަށް ހައްލު ހޯދުމަށް ހުރިހާ މުވައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް ވެސް މެޑަމް ފަޒްނާ އެދިވަޑައިގެންނެވި އެވެ. ހުރިހާ ފަރާތްތަކަކުންވެސް އިހްސާންތެރިވުމުގެ ސިފަ އަށަގެންނެވުމުން މުޅި މުޖުތަމައަށް ފައިދާ ތަކެއް ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިހަފްލާގައި މެޑަމް ފަޒްނާ ވަނީ ވިލާ ކޮލެޖުން އިސްނަގައިގެން ސައިކޮލޮޖީ އެސޯސިއޭޝަނެއް އެކޮލެޖުގައި ގާއިމުކުރުމުން އެކަމަށް ތަޢުރީފުކުރައްވާފަ އެވެ. އެގޮތުން އެކަމަނާ ވަނީ ކޮލެޖުގެ ސްޓްރެޓެޖިކް ޕްރިރައޯރިޓީ އަކަށް ނަފްސާނީ ދުޅަހެޔޮކަންވެ ކޮލެޖުގެ މުސްތަގުބަލު ބިނާކުރުމުގައި ނަފްސާނީ ދުޅަހެޔޮކަން އިސް ދައުރެއް އަދާކުރުމަށް ވެސް އެކަމަނާ އެދިވަޑައިގެންފަ އެވެ. އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކުރާ ލީޑިން ކޮލެޖަކަށް ވިލާ ކޮލެޖު ވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ސައިކޮލޮޖީ އެސޯސިއޭޝަން އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ ފަރާތްތަކަށާއި، މުޖުތަމައުގެ އެކިއެކި ފަރާތްތަކަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.