ދިވެހި ސަޕޯޓަރުންގެ ފޯރި ފެނިފައި އަޖައިބުވެވަޑަައިގެންނެވި ކަމަށް އަވައްޓެރި ލަންކާގެ ޔޫތު މިނިސްޓަރު އަދި ބޮޑުވަޒީރު ރާޖަޕަކުސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކުރިއަށްދާ ސާފު ޗެންޕިއަންޝިޕްގައި މިއަދު ހަވީރު ބައްދަލުކުރީ ރާއްޖެ އާއި ލަންކާ އެވެ. އެ މެޗު ބައްލަވާލެއްވުމަށް ނަމާލު ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ.
ދިވެހި ސަޕޯޓަރުންގެ އާދަޔާ ހިލާފު ފޯރިއެއް ފެނިގެންދިޔަ މެޗާ ގުޅޭގޮތުން ނަމަލް ވަނީ ދިވެހި ބަހުން ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި ވިދާޅުވީ ސްރީލަންކާ އާއި ދިވެހިރާއްޖެ މިއަދު ކުޅެނީ ސާފް ޗެމްޕިއަންޝިޕްގެ މޮޅު މެޗެއް ކަމަށެވެ.
އަދި ކުޅިބަލަންދިޔަ މީހުން ގިނަކަމުންނާ ދިވެހި ޓީމުގެ ސަޕޯޓަރުންގެ ފޯރި ފެނިފަ އަޖާއިބުވެވަޑައިގެންނެވި ކަމަށެވެ. ނަަމަލްގެ ޓްވީޓްގައި ކުޅިބަލަންދިޔަ ސްރީލަންކާގެ ސަޕޯޓަރުންނަށްވެސް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ވިދާޅުވީ މިއަދު ފެނުނީ ފޯރިގަދަ މާހައުލެއް ކަމަށެވެ.
ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު މިއަދު ކުޅެވުނީ ސާފް ޗެމްޕިއަންޝިޕްގެ މޮޅު މެޗެއް. ކުޅިބަލަންދިޔަ މީހުން ގިނަކަމުންނާ ދިވެހި ޓީމުގެ ސަޕޯޓަރުންގެ ފޯރި ފެނިފަ އަޖާއިބުވި. ކުޅިބަލަންދިޔަ ސްރީލަންކާގެ ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް. ފެނުނީ ފޯރިގަދަ މާހައުލެއްނަމަލް ރާޖަޕަކްސަ | ލަންކާގެ ޔޫތު މިނިސްޓަރު
މިއަދު ހެނދުނު ރާއްޖެ ވަޑައިގެން ނަމަލު ކުރެއްވި ފުރަތަމަ ޓްވީޓް ކުރެއްވީވެސް ދިވެހި ބަހުންނެވެ. މީގެ ކުރީން ރާއްޖެއަށް ވަޑައިގެން ދަތުރުތަކުގައިވެސް ދިވެހި ބަހުން ޓްވީޓް ކުރައްވާފައިވެއެވެ.
އަދި އެ ގައުމުގައި ދިވެހި ވެރިންނާއެކު ބާއްވަވާ ބައްދަލްވުންތަކަށް ފަހު ވެސް ދިވެހި ބަހުން ޓްވީޓް ކުރައްވަވައެވެ.
ނަމަލް ފާހަގަ ކުރެވިފައިވަނީ ރާއްޖޭގެ ޒުވާން ސިޔާސީ ލީޑަރުންނާވެސް ހާއްސަ ގުޅުމެއް ބާއްވަވާ ދިވެހި ގައުމުގެ ހާއްސަ އެކުވެރި ބޭފުޅެއްގެ ގޮތުގައެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރި މެޗުގައި ރާއްޖޭގެ ފުޓްބޯޅަ ލެެޖެންޑް އަލީ އަޝްފާގް ޖެހި ގޯލުން ރާއްޖެއަށް މިއަދު ހޯދާދިނީ މުހިންމު މޮޅެކެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗު ރާއްޖެއިން ކާމިޔަބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ.
ފޯރިގަދަ މި މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި ލަންކާގެ ޑި ސިލްވާ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ޗަނަލަ ޗަމީރާ ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް އޭނާ ހުރީ އޮފްސައިޑް ޕޮސިޝަނެއްގަ އެވެ. އޭގެ މިނެޓެއް ފަހުން ރާއްޖޭގެ ހައިޝަމް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަލީ އަޝްފާގް (ދަގޭ) ރާއްޖެއަށް ލީޑު ނަގައިދިނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް ދަގޭ އެވެ.