ޔޫތު މިނިސްޓްރީ

ރާއްޖެ-ލަންކާ މެޗް ބެލޭނެ ގޮތް ހަަމަޖައްސައިފި

ސްރީލަންކާގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ފޯ ނޭޝަންސް އިންޓަނޭޝަނަލް ޓޯނަމަންޓްގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗު ބެލޭނެ ގޮތް ހަމަޖައްސައިފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވީ މާދަމާ ރޭ ގެ މެޗު ބެލޭނެ އިންތިޒާމު ކާނިވާ އަދި ސޯޝަލް ސެންޓަރުގެ ބޮޑު ސްކްރީންގައި ދައްކާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެކަން އިންތިޒާމު ކޮށްފައިވަނީ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އުރީދު އާއި ޔޫތު މިނިސްޓްރީ ގުޅިގެންނެވެ.

ފޯނޭޝަންސް ކަޕްގައި ބައިވެރިވާނީ ހަތަރު ޓީމެކެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި ވާދަ ކުރާނީ ލަންކާ، ރާއްޖެ، ބަންގްލަދޭޝް އަދި ސީޝެލްސް އެވެ. މުބާރާތުގެ ޝަރަފްވެރި މެހެމާނަކީ ރައީސް ސޯލިހެވެ. ފުރަތަމަ މެޗު ބައްލަވާލެއްވުމަށް ރައީސް މާދަމާ ލަންކާއަށް ވަޑައިގަންނަވާނެ އެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓް މިއަދު ހަވީރު ވަނީ ވިއްކަން ފަށާފައެވެ.

ޓިކެޓް ވިއްކަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީންނާއި މޯލްޑިވްސް ކޮމިއުނިޓީ ސެންޓަރުންނެވެ. މިއަދާއި މާދަމާވެސް އެ މެޗުގެ ޓިކެޓް ވިއްކާނެ އެވެ.

މުބާރާތުގެ މެޗުތަކުގެ ޓިކެޓް ލަންކާގެ ރައްޔިތުންނަށް 200 ރުޕީސްއަށް ވިއްކި ނަމަވެސް ރާއްޖެ ހިމެނޭހެން އެހެން ގައުމުތަކުގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަން ނިންމާފައި އޮތީ 5،000 ރުޕީސްއަށެވެ.

އެ އަގު ބޮޑުވުމުގެ ސަބަބުން ދިވެހިންގެ ބޮޑު އާބާދީއެއް އޮތް ލަންކާގައި ދިރިއުޅޭ ދިވެހިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިނިސްޓަރު މަހުލޫފް ވަނީ ރައީސް ސޯލިހުގެ އެދިވަޑައިގަތުމަކަށް ޓިކެޓްގެ އަގާ ގުޅޭގޮތުން ލަންކާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ދިވެހިންނަށް 3،000 ރުޕީސްއަށް ޓިކެޓް ވިއްކަން ނިންމި އެވެ.