ދުނިޔެ

ލީބިއާ ފްލައިޓްތައް ހަތް އަހަރަށް ފަހު މިސްރަށް

ލީބިއާއާ މިސްރާ ދެމެދު ވައިގެ ދަތުރުތައް ފަށައިފި އެވެ. މިއީ ލީބީއާގައި އޮތް މުއައްމަރު ގައްޒާފީގެ ވެރިކަން 2011 ގައި ވައްޓާލުމާ ގުޅިގެން އެ ގައުމުގައި ހިނގާދިއަ ދާޚިލާ މައްސަލަތަކަށް ފަހު ދެ ގައުމުގެ ދެމެދުގައި ދަތުރުވެރިން ގޮވައިގެން ކުރި ފުރަތަ ދަތުރެވެ.

މިސްރާ ލީބިއާއާ ދެމެދު ފްލައިޓްތައް ފެށުމަށްޓަކައި މަޝްވަރާ ކުރެވޭތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. މި މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ދެމެދުގައި ސެޕްޓެމްބަރު 30 ގައި ވަނީ އުދުހިފަ އެވެ.

ލީބިއާގެ ވެރިރަށް ޓްރިޕޮލީ މައިތިގާ އިންޓަނޭޝަނަލް އެއާޕޯޓުން މިސްރުގެ ކައިރޯ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ލީބިއަން އެއާލައިންގެ ފްލައިޓުން 255 ދަތުރުވެރިން ވަނީ އުފުލާފަ އެވެ.

ލީބިއާގައި ދާއިމީ ސަރުކާރަކަށް މަގު ތަނަވަސް ކުރުމަށް މި އަހަރު މާޗް 16 ގައި ވަނީ އިންތިގާލީ ސަރުކާރެއް އުފައްދާފަ އެވެ.

ލީބިއާގައި ރިއާސީ އިންތިހާބާއި އާންމު އިންތިހާބު ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ ޑިސެމްބަރު 24 ގައެވެ. އެހެން ނަމަވެސް މިހާރު ބުނަނީ އަންނަ އަހަރު ޖެނުއަރީއަށް ފަސް ކުރަން ޖެހިދާނެ ކަމަށެވެ.

ލީބިއާއިން އަލުން ދުނިޔެއަށް ނުކުތުމަށް ކުރާ މަސައްކަތްތަކުގައި މިސްރުން ބޮޑު އެހިތެރި ކަމެއް ދޭނެ ކަމަށް ބެލެވެ އެވެ. މިކަމާ ގުޅޭ ގޮތުން ދެ ގައުމުގެ ވަޒީރުންގެ ފެންވަރުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ޖަރުމަނުން ވެސް ބުނެފައި އޮތީ ލީބިއާއަށް އެހިތެރިވެދޭނެ ކަމަށެވެ. ރިޔާސީ އިންތިހާބު ބޭއްވުމަށް އެހީތެރިވާނެ ކަމަށާއި އިގުތިސޯދަށް ވެސް އެހީތެރިވާނެ ކަމަށް އޮތީ ބުނެފަ އެވެ.