އެންޖެލާ މާކެލް މިއަހަރު ޖަރުމަނުގެ ޗާންސެލަރުކަން ދޫކޮށްލެއްވުމުގެ ކުރިން ގައުމުތަކަށް ކުރައްވާ ވަދާއީ ދަތުރުފުޅެގައި މިހާރު ވަޑައިން އުޅުއްވަނީ އިޒްރޭލުގަ އެވެ.
މާކެލް އިލްރޭލަށް ވަޑައިގަތުމުގެ ކުރިން ވެސް ދަތުރުފުޅުގެ އެޖެންޑާއާ ބެހޭ ގޮތުން އެކަމަނާގެ ތަރުޖަމާން އޮތީ ވާހަކަ ދައްކަވާފަ އެވެ. ތަރުޖަމާން ވިދާޅުވީ އިޒްރޭލަށް ވަޑައިގެން ފަލަސްތީނާ ބެހޭ ގޮތުން މާކެލް ވާހަކަ ދައްކަވާނެ ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް އާއެކު ނޫސްކޮންފަރެންސެއްގައި ބައިވެެރިވެ ވަޑައިގެން މާކެލް ވިދާޅުވީ އިޒްރޭލުން އަރަބި ދައުލަތްތަކާ އެކު ގުޅުން ބަދަހި ކުރުމަކުން މެދުއިރުމަތި ސުލްހަ ކުރެވުނީ ނޫން ކަމަށާއި ފަލަސްތީން މީހުންގެ ހައްގުތައް ކަށަވަރު ކޮށްދީގެން މެނުވީ އިޒްރޭލަށް ސަލާމަތެއް ނެތް ކަމަށެވެ.
މާކެލް ވިދާޅުވި ގޮތުން ޖަރުމަނުގެ ސިޔާސަތަކީ ދެ ދައުލަތަކަށް ތާއީދު ކުރުމެވެ. އެކަމަނާ ވިދާޅުވީ ޖަރުމަނު ދެމި އޮންނާނީ ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރުމުގައި ކަމަށެވެ.
އެންޖެލާ މާކެލް ދެއްކެވި ވާހަކަތަކަށް ފުކެއް ވެސް ދޫނުކުރައްވައި ބެނެޓް ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތަކަށް ތާއީދު ކޮށްފި ނަމަ އެވާނީ ސަރަހައްދީ ޓެރަރިސްޓް ދައުލަތަކަށް ކަމަށެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުން ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް އިޒްރޭލުގެ ބޮޑާ ހޭކުންތަކަށް ދޫދިނުން ނޫން ގޮތެއް ޒަމާނުން ފެނިފައެއް ނެތެވެ.
ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމަކަށް ވާތީ ފަލަސްތީނަށް ތާއީދުކުރާ ކަމަށް ހެދިގެން ގައުމުތަކުގެ ވެރިން މިގޮތަށް ވާހަކަ ދައްކަނީ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓަކީ އިޒްރޭލުން ޖަހަގެންފައި އޮތް ފަލަސްތީންގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުމަށް ވާކާލާތު ކުރައްވާ ބޭފުޅެކެވެ. ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށް ހިތްވަރު ހޯއްދަވާފައި ވަނީ ވެސް ޔަހޫދީންނަށް ޚިދުމަތް ކޮށްދެއްވައި ގެނެވެ.