ބޮލީވުޑް

ދަރިފުޅު ޖަލަށް ލުމުން ޝާހް ރުކް ހިތް ހަލާކުވެފައި

ޝާހް ރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން މިހާރު ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުކޮށް ޖަލުގައި ބަންދު ކޮށްފަ އެވެ. އޮކްޓޯބަރު ތިންވަނަ ދުވަހު އާރްޔަން ހައްޔަރުކުރި ފަހުން ޝާހް ރުކް އާއި އަންހެނުން ގޯރީ އުޅެނީ މީޑިއާއަށް ފޮރުވިގެނެވެ. އެމީހުން ދިރިއުޅޭ ގެއިން ވެސް އެމީހުން އެއްގޮތަކަށް ވެސް ނުކުމެއެއް ނޫޅެ އެވެ.

މުމްބައިގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އާރްޔަން ހައްޔަރު ކުރުމާ ގުޅިގެން ޝާހް ރުކްގެ ހިތް ހަލާކުވެ ހަދާނެ ގޮތް ހުސްވެފައިވާ ކަމަށް އޭނާގެ ގާތް އެކުވެރިން ބުނެފައި ވެއެވެ.

ޝާހް ރުކް އަށް ލިބިފައިވާ ހިތާމައާއެކު އޭނާގެ ރުޅިގަނޑު ވެސް އިންތިހާއަށް ގަދަވެފައިވާ ކަމަށް ވެސް އެކުވެރިން ބުނެ އެވެ. އަދި އެއްވެސް އެއްޗެއް ކާން ވެސް ބޭނުން ނުވާ ކަމަށާއި ނުވެސް ނިދޭ ކަމަށް ވެއެވެ. މިއީ އޭނާ ނޫނަސް ކޮންމެ ބައްޕަ އަކަށް ވެސް މިފަދަ ހާލަތުގައި ދިމާވާނެ ގޮތް ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ.

އާރްޔަން ހައްޔަރު ކުރީ މުމްބާއިގެ ބޭރުގައި ގޯއާއަށް ދާން ފުރަން ތައްޔާރުވެފައި އޮތް ކްރޫޒް ޝިޕް އަކަށް އެންސީބީން ކުއްލިއަކަށް އަރާ ކުރި ރެއިޑެއްގަ އެވެ. ބައެއް ޚަބަރުތައް ބުނަނީ 1300 މީހުން ތިބި މި ކްރޫޒް ޝިޕްގައި ކުރިއްސުރެ އެންސީބީ މީހުން އާދައިގެ މީހުންނަށް ވެގެން އަރާ ތިބި ކަމަށެވެ.

ބެއިލް ބަހައްޓައިގެން އާރްޔަން ވަގުތީ ގޮތުން ޖަލުން ސަލާމަތް ކުރެވޭތޯ އޭނާގެ ގާނޫނީ ވަކީލުން މިދިޔަ ހުކުރު ދުވަހު ކުރި މަސައްކަތް ނާކާމިޔާބުވެ އޭނާ މިހާރު ވަނީ މުމްބައިގެ އާތާ ރޯޑް ޖަލަށް ގެންގޮއްސަ އެވެ. ޖުޑިޝަލް ކަސްޓަޑީގައި އާރްޔަން 14 ދުވަހު ބަހައްޓަން ހުކުރު ދުވަހު ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

އާރްޔަން ހައްޔަރު ކުރުމާ ގުޅިގެން ޝާހްރުކްގެ "ޕަތާން"ގެ މަސައްކަތް ވަނީ ވަކި މުއްދަތެއް ނެތް ގޮތަކަށް ހުއްޓާލާފަ އެވެ. އަދި ޑައިރެކްޓަރު އަޓްލީގެ ފިލްމުގެ ބައެއް މަންޒަރުތައް ޝާހް ރުކްގެ ބޮޑީ ޑަބަލް އެއް ލައްވާ މިހާރު ޝޫޓްކުރަމުންދާ ކަމަށް ވެއެވެ. އަދި ޝާހް ރުކް ކުޅެން ހަމަޖެހިފައިވާ ބައެއް އިޝްތިހާރުތަކުގެ މަސައްކަތް ވެސް އޭނާ ވަނީ މިވަގުތަށް ހުއްޓާލާފަ އެވެ.

ބޮލީވުޑް ފަންނާނުންގެ ތެރެއިން ރިތިކް ރޯޝަން، އާއި ކަރަން ޖޯހަރް އަދި ފަރާ ޚާން އާއި ސަލްމާން ޚާން ފަދަ ޝާހް ރުކްގެ ގާތް އެކުވެރިން އެ ގެޔަށް ގޮސްގެންނާއި ސޯޝަލް މީޑިއާގައި އެކި ކަހަލަ ހިތްވަރު ލިބޭ ކަހަލަ މެސެޖުތައް ޝެއާ ކޮށްގެން އެ އާއިލާއަށް ހިތްވަރު ދެމުން ދެއެވެ.