ރާމާމަކުނަކީ އިންސާނުން ކަހަލަ ވިސްނުންތޫނު ޖަނަވާރެކެވެ. އިންސާނުން ކުރާ ކަންތައް ކޮޕީކޮށްގެން ކުރުމުގެ އިތުރުން އިންސާނުން އުޅޭ ގޮތްގޮތަށް އުޅުމަށް ވެސް ރާމާ މަކުނު މޮޅެވެ.
ދާދިފަހުން އިންޓަނެޓުގައި ވައިރަލް ވީ ވީޑިއޯ އެއްގައި ފެންނަނީ އިންސާނުން އަތުން އެއްޗެތި ދޮންނަ ގޮތަށް ރާމާމަކުނުގެ ވައްތަރެއް ކަމަށްވާ ޗިމްޕަންޒީއެއް އެއްޗެތި ދޮންނަ ތަނެވެ.
ޒޫއެއްގެ ތެރޭގައި ނަގާފައިވާ މި ވީޑިއޯގައި ޗިމްޕަންޒީ އެއްޗެތި ދޮންނައިރު އިންސާނުން އަތުން އެއްޗެތި ދޮންނައިރު ހަދާ ހުރިހާ ގޮތެއް ހަދަ އެވެ. އެ ވީޑިއޯގައި ޗިމްޕަންޒީ ދޮންނަނީ ރީނދޫ ކުލައިގެ ޓީޝާޓެއް ފަދަ އެއްޗެކެވެ. އެސޮރު އެންމެ ފުރަތަމަ ޓީޝާޓް ރީއްޗަށް ހިލަގަނޑު މަތީ ފަތުރާފައި އޭގައި ސައިބޯނި ހާކަ އެވެ. އަދި އަތުން ރީއްޗަށް މުޅި ޓީޝާޓުގައި ސައިބޯނި ހާކަ އެވެ. ދެން ބުރުހެއް ނަގައި ޓީޝާޓްގައި ބުރުސް އަޅައި އޭގައި ހުރި ހުރިހާ ކިލާ ތަކެއް ސާފު ކުރެ އެވެ.
ސަޗިން ޝަރުމާ ކިޔާ މީހަކު ޝެއާ ކޮށްފައިވާ މި ވީޑިއޯ އެތައް މިލިއަން ބަޔަކު ބަލާފައިވާއިރު އެންމެންނަށް ވެސް މިކަން ވީ ވަރަށް މަޖާ ކަމަކަށެވެ. އަދި ވީޑިއޯއަށް އެތައް ހާސް ބަޔަކު ކޮމެންޓުތައް ވެސް ކޮށްފައި ވެއެވެ. ކޮމެންޓުކުރި ބައެއް މީހުން ބުނި ގޮތުގައި އެމީހުން ބޭނުންވަނީ އެކަހަލަ ހައުސް ކީޕަރެކެވެ.