ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޯމާގައި އޮތް މީހަކަށް ބިރުވެރި ހުވަފެންތަކެއް!

އެގާރަ ދުވަސް ވަންދެން ކޯމާގައި އޮވެފައި ހޭލެވުނު މީހަކަށް އެ ދުވަސްތަކުގައި ވަރަށް ބިރުވެރި ހުވަފެންތަކެއް ފެނުނު ކަމަށް ބުނެފި އެވެ. އޭނާ ބުނި ގޮތުގައި އެ ދުވަސްތަކުގައި އޭނާއަށް ހުވަފެނުން ފެންނަމުން ދިޔައީ ޑެލިވަރީ ވޭނެއްގައި ބަޔަކު އޭނާ ގަދަކަމުން ތަނަކަށް ގެންގޮސް އަނިޔާ ކުރާ ތަން ކަމަށެވެ.

ޕޯލް ލަޓްރެލް، 52، އަކީ ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހެކެވެ. ކޮވިޑް-19 ޖެހި އޭނާ ވެންޓިލޭޓަރުގައި އެތައް ދުވަހަކު އޮތްއިރު އޭނާ ސަލާމަތްވާނެ ކަމުގެ މާ ބޮޑު އުންމީދެއް ޑޮކްޓަރުންނަށް ވެސް ނެތެވެ.

އިނގިރޭސި ވިލާތުގެ މެޓްރޯގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮވިޑާ ހަނގުރާމަކޮށް ސަލާމަތްވި މި ފިރިހެންމީހާ ވަރަށް ގިނަ ޝައުގުވެރި ވާހަކަތަކެއް ކިޔައި ދީފައިވާ ކަމަށެވެ.

އިންގްލެންޑްގެ ސަމަސެޓްގައި ދިރިއުޅޭ ޕޯލް ބުނި ގޮތުގައި ކޯމާގައި އޮތްއިރު އޭނާއަށް ފެންނަނީ ލަންޑަނުގެ ގޭންގަކުން އޭނާ ކިޑްނެޕްކޮށްގެން ގެންގޮސް ޑެފިބްރިލޭޓާ (ހިތަށް ކަރަންޓް ޝޮކް ދޭން ބޭނުންކުރާ މެޝިން) އަކުން އޭނާއަށް އަނިޔާކުރާ ބިރުވެރި މަންޒަރުތައް ހުވަފެނުން ފެނިފައިވާ ކަމަށެވެ.

އަދި ކިޑްނެޕްކުރި މީހުން އޭނާ އެމީހުންގެ އަޅަކަށް ހަދައިގެން އޭނާ ލައްވާ ފައިސާ ހޯދަން އެކި ތަންތަނަށް އެއްޗެތި ޑެލިވަރީ ކުރަން ފޮނުވިތަން ވެސް ފެނުނު ކަމަށެވެ.

"އެއީ ވަރަށް ބިރުވެރި ތަޖުރިބާއެއް. އާއިލާގެ އެއްވެސް މީހަކަށް ވެސް ނުދައްކާ އަހަރެން އިންޑިއުސްޑް ކޯމާގައި ބާއްވާފައި 11 ދުވަހު އޮތްއިރު އަހަރެންނަށް ފެންނަމުންދިޔަ ހުވަފެންތައް ހީވީ ހަމަ ހަގީގަތެއް ހެން. އެ ހުވަފެނުގައި ކުރެވުނު ހުރިހާ ތަޖުރިބާއެއް އަހަންނަށް އިހްސާސް ވަމުންދިޔަ،" ޕޯލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހުވަފެނުގައި އޭނާއަށް އަނިޔާކުރި ގޭންގް ލީޑަރަކަށް ހުރީ ޑްވޯފް މީހެކެވެ. އޭނާ އަބަދު ފައިސާ އަށް ޑިމާންޑް ކުރަމުން ދިޔަކަމަށާއި އޭނާއަށް ހުވަފެނުގައި ވެސް ނޭވާ ނުލެވިގެން ތެޅެވުނު ކަމަށް ޕޯލް ބުންޏެވެ.

ޕޯލްއަކީ މީގެ ތިން އަހަރު ކުރިއްސުރެ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. މި ބަލީގެ ސަބަބުން ދެ ކިޑްނީ ހަލާކުވެ ގަވާއިދުން ޑައިލެސިސް ވެސް އޭނާ ހަދަ އެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވީ ޑައިލެސިސް ހަދަން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮއްވަ އެވެ.

ފާއިތުވީ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ޕޯލް ވަނީ ކޮވިޑުން ފަސޭހަވެ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. ނަމަވެސް ކެންސަރު ބަލި ރަނގަޅު ނުވިޔަސް ކުރިމަގާ މެދު އޭނާ ގެންގުޅެނީ ވަރަށް ޕޮޒިޓިވް ވިސްނުމެކެވެ.