ހުސައިން މުހައްމަދު ދީދީ

ހަރަދުކުރަން ވާނީ ބަޖެޓް ކުރި ކަމަކަށް: ހުސައިން

Oct 11, 2021

ދައުލަތުގެ އިދާރާތަކަށް ދޫކުރާ ބަޖެޓް ހަރަދުކުރަން ވާނީ އެ އިދާރާތަކުގެ މަގުސަދުތައް ހާސިލްކުރުމަށް ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ނައިބު މުގައްރިރު ހުސައިން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މެންބަރު ހުސައިން މިހެން ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހުގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް އިއްޔެ ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ހުސައިން ވިދާޅުވީ ޕާފޯމެންސް ބޭސްޑް ބަޖެޓާއި ޕާފޯމެންސް ބޭސްޑް އޮޑިޓްގެ ނިޒާމެއް ތަރައްގީ ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން އިދާރާތަކުގެ މަގްސަދުތައް ހާސިލްކުރުމަށް ވަކި ޓާގެޓްތަކެއް ކަނޑައަޅައިގެން ހިދުމަތުގެ ފެންވަރު، ވަކި ހަމަތަކެއްގައި ހިފަހައްޓައި އަދި އެކަން ވަޒަން ކުރެވޭނެ ނިޒާމެއްގެ ތެރެއިން ބަޖެޓް ދޫކުރާ ގޮތަށް ހަދަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މިހާރު ތައްޔާރު ކުރަނީ ޕާފޯމަންސް ބޭސްޑް އަދި ޕްރޮގްރާމް ބޭސްޑް ބަޖެޓެއް ކަމަށާއި ހިދުމަތްތަކުގެ ފެންވަރު ވަޒަން ކުރުމަށް ކީ ޕާފޯމެންސް އިންޑިކޭޓާސް ކަނޑައަޅާފައިވާ ކަމަށެވެ.

ރާއްޖޭގައި ވެސް މި ނިޒާމަށް 2022 ވަނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށް ހުށަހެޅޭނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށްވެސް ހުސައިން ވިދާޅުވި އެވެ. މިއީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ދިރާސާކޮށް އިސްކަންދޭންޖެހޭ ދާއިރާތައް ވަޒަން ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ހުސައިންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރައްޔިތުން އެންމެ ބޮޑަށް އެދެނީ ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވުން ކަމަށާއި ދައުލަތުގެ އިދާރާތަކަށް ކުރެވޭ ހޭދައާއި އެއްވަރުގެ ނަތީޖާއެއް ހާސިލް ކުރެވެމުން ދޭތޯ ބަލަން ޖެހޭ ކަމަށެވެ. މި ނިޒާމު ފުރިހަމައަށް ހިންގުމުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ދައުރު ވަރަށް މުހިންމު ކަން ފާހަގަކުރައްވައި ވިދާޅުވީ އިދާރާތަކުގެ ޕާފޯމެންސް އޮޑިޓްތަކުން މިކަންކަން ފާހަގަކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ލާމަރުކަޒީ ގޮތެއްގައި ރައްޔިތުންނާ ގާތުން އޮޑިޓްގެ ހިދުމަތް ދިނުމަކީ ދައުލަތުގެ އިދާރާތަކުގައި ހުރި މައްސަލަތައް ފާހަގަވެ، ރައްޔިތުންނާއި އެ ރަށެއްގެ ސަގާފަތް ދަސްވެ، އޮޑިޓްގައި އިސްކަންދޭ އޭރިއާތަކަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.