ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު މިއަދު މާލެ ވަޑައިގަންނަވަނީ

Oct 11, 2021
3

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަންނަވަން ތައްޔާރުވަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެމްޑީޕީގެ މެންބަރަކު ވިދާޅުވީ ރައީސް ނަޝީދު މިއަދުގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާ ކަމަށެވެ.

"އިއްޔެ ފުރަތަމަ ވަޑައިގަންނަވަން އޮތީ. އެހެންނަމަވެސް ދެން މިއަދަށް ފަސްވި ވަކި ސަބަބެއް ނޭނގޭ" މެންބަރު ވިދާޅުވި އެވެ.

އަވަސް އިން ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅަކަށް ގުޅުމުން ރައީސް ނަޝީދު ވަޑައިނުގަންނަވާ ކަމަކަށް ވިދާޅެއް ނުވެ އެވެ. އެކަމަކު އެ މައުލޫމާތު ހޯދުމަށް ރައީސް ނަޝީދުގެ ޕާސަނަލް ސެކްރެޓަރީ އަށް ގުޅުއްވުމަށް އެދިވަޑައިގެންނެވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާ އަށް މެއި މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ޖަރުމަނަށެވެ. އޭގެފަހުން އެމަނިކުފާނު ދިރިއުޅުއްވީ އިނގިރޭސިވިލާތުގަ އެވެ.

ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގަންނަވަނީ ދުބާއީގައި މިހާރު ކުރިއަށްދާ ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށްފަހު ދުބާއީ މަގުން ކަމަށް އެނގިފައިވެ އެވެ.

ރާއްޖެއިން ބޭރުގައި މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ރާއްޖޭގައި ނެތުމުން ކަމަށް ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު މާލެ ވަޑައިގެން ދިރިއުޅުއްވަނީ އެމަނިކުފާނުގެ އާއިލީ ގެކޮޅު ގ. ކެނެރީގޭގަ އެވެ. އެގެކޮޅުގައި ރައީސް ނަޝީދު ދިރިއުޅުއްވާނަމަ ސެކިއުރިޓީ ދިނުމަށް ދަތިވާ ވަރަށް ގިނަ ސަބަބުތައް ހުރި ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.