މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ޓެކްނޮލޮޖީން ރައްކާތެރިކަން ހޯދަން ޖެހޭ

ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކޮށްގެން ރައްކާތެރިކަން ހޯދާނެ ގޮތް އަންހެންކުދިންނަށް އުގަންނައިދިނުން މުހިންމު ކަމަށް ޖެންޑާއިން ބުނެފި އެެވެ

ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހާއި ގުޅުވައި ޖެންޑާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް މުޅި މުޖުތަމައު ހޭލުންތެރިކުރުވައި އެ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމަށެވެ.

މިއަދުގެ ދިރިއުޅުމުގެ ގިނަކަންކަން ކުރިއަށް މިދަނީ އިންޓަނެޓާއި ކޮމްޕިއުޓަރު ޓެކްނޮލިޖީގެ ޒަރީއާއިން ކަން ފާހަގަކޮށް ބަޔާނުގައި ބުނެފައި ވަނީ ކޮވިޑާއި ގުޅިގެން ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ މިންވަރު ހާމަވެގެންދިޔަ ކަމަށެވެ. އެގޮތުން ކުދިންގެ ކިޔެވުމާއި ވަޒީފާގެ ގިނަކަންކަން ޓެކްނޮލޮޖީގެ ޒަރީއާއިން ކުރަންޖެހުނު ކަމަށާއި މިކަމާއި ގުޅިގެން ލިބުނު ފައިދާގެ އިތުރުން، ބޮޑެތި ގޮންޖެހުންތަކާ ވެސް ކުރިމަތިލާންޖެހުނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. ހާއްސަގޮތެއްގައި އަންހެން ކުދިންނަށް ކަމަށެވެ.

އެހެންވެ އދ. ގެ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އިދާރާ (ޔުނިސެފް) އިން މިއަހަރުގެ ބައިނަލްއަގްވާމީ
އަންހެންކުދިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އަހަރެމެންގެ ޖީލް ސުމޭކު ޖީލް" އެވެ.

ބަޔާނުގައި ބުނެފައިވަނީ ޓެކްނޮލޮޖީއަށް ބަރޯސާވެ މަސައްކަތްކުރަމުންދާ ދުނިޔެއެއްގައި، ކުޑަކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް އެކަމާއި މެދު ފިޔަވަޅު އެޅުމުގެ މުހިންމުކަން، ކުދިންނާއި މުޖުތަމައުގެ ސަމާލުކަމަށް ގެންނަން މިއަދު މިވަނީ ޖެހިފައި ކަމަށެވެ.

އަންހެންކުދިންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި، ފައިދާހުރި ގޮތެއްގައި ޓެކްނޮލޮޖީގެ ބޭނުންކުރުމުގެ ހޭލުންތެރިކަން އިތުރުކުރުމާއި ޓެކްނޮލޮޖީގެ ބޭނުންކޮށް އަމިއްލަ ރައްކާތެރިކަން ހޯދާނެގޮތާއި، އެކި އެކި އަނިޔާތަކާއި، ގްރޫމްކުރާ ފަރާތްތަކުން ސަލާމަތްވާނެ ގޮތުގެ ހޭލުންތެރިކަން އިތުރުކުރުން މުހިންމު ކަމަށް ބުނެފައި ވެއެވެ

"އިންޓާނެޓްގެ ޒަރީއާއިން ކުޑަކުދިންނަށް، ހާއްސަކޮށް އަންހެން ކުދިންނަށް ކުރާ އަނިޔާތަކުން ސަލާމަތްކޮށް ރައްކާތެރި ކުރުމާއި، އެކުދިންނަކީވެސް މިއަދުގެ ދުނިޔޭގައި ހަމަހަމަކަމާއި އެކު ދިރިއުޅުމުގެ ގާބިލުކަން ހުރި ކުދިންނަށް ހެދުން މުހިންމު." ބަޔާނުގައި ބުނެފައި ވެއެވެ.