ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް މ. މުރައިދޫގެ މަރާމާތު ކުރުމަށް ކުރާ މަސައްކަތް ނިންމާލެވޭނީ މިމަހުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެެވެ.
މުރައިދޫގެ މަރާމާތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އަވަސް އިން ސުވާލުކުރުމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެންނަށް މިހާރު ބެލެވެނީ މި މަހުގެ ނިޔަލަށް އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް،" އަކްރަމް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރުގައި ފަސް މަސް ދުވަހު ހުންނެވުމަށްފަހު މިއަދު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. ނަމަވެސް އެމަނިކުފާނު މުރައިދޫގެ އަށް ބަދަލުވެވަޑައިގަތުމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ދިރިއުޅުއްވަން ވަގުތީ ގޮތުން ހަމަޖައްސާފައިވަނީ އަބްދުﷲ ޖިހާދު ނައިބް ރައީސް ކަމުގައި ހުންނެވިއިރު އެމަނިކުފާނު ދިރިއުޅުއްވި ރެހެންދި އެޕާޓްމަންޓެވެ. ނިމިދިޔަ ހަފްތާގައި ސަރުކާރުން ވަނީ ދެ ހަފްތާގެ ތެރޭގައި އެ އެޕާޓްމަންޓްގެ މަރާމާތުގެ މަސައްކަތް ނިމޭނެ ކަމަށް ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގޭގަ އެވެ. ކެނެރީގެ ހުރި ތަނުގެ ގޮތުންނާއި އެ ގެ ހުރި ގޮތުން ކެނެރީގެ އަށް ސެކިއުރިޓީ ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ސަލާމަތީ ފަރާތްތަކުން މީގެކުރިން ބުނެފައިވެ އެވެ.
ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ތަނަކާއި އެ ބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އިންތިޒާމުތަކެއް ހަމަޖައްސަމުން މިދަނީ ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އިސްލާހުކުރުމަށްފަހު އެވެ.
އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ހަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ އިސްލާހުގައިވާ ގޮތުން އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެކެވެ. އެއީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އެވެ.
މި ދެ އިސްލާހުގެ ބަހުސްގައި މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގެ އަލުން ރިޔާސީ ގަނޑުވަރަކަށް ބަދަލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެތަނަށް ބަދަލުކުރުމަށްވެސް ހުށަހަޅުއްވާފަ އެވެ.