އާސަންދައިން މިއަހަރުގެ ޖެނުއަރީ މަހު ކުރި ހަރަދު ބޮޑުނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އެކި މަސްމަހުގައި ހަރަދުކޮށްފައިވަނީ އެކި ވަރަށް ކަމަށެވެ.
"އެތެރޭގެ އިންތިހާބަކާއި (އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ) އާސަންދައާ ގުޅުވީ ކިހިނެތް ކަމެއް އަޅުގަނޑަކަށް ނުވިސްނޭ. އިންތިހާބުތަކާ ދިމާކޮށް މީހުން ޑޮކްޓަރަށް ދެއްކުން އިތުރުވެގެންދާ ކަމެއް އަޅުގަނޑުމެންނަށް އެނގިފައެއް ނެތް،" މިއުވާން ވިދާޅުވި އެވެ.
އާސަންދައިގެ ހަރަދު ޖެނުއަރީ މަހު އިތުރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މިއުވާން ވިދާޅުވީ އާސަންދައިން އެ މަހެއްގައި ހަރަދުކުރަނީ އެމަހެއްގައި ޑޮކްޓަރަށް ދެއްކި މީހުންގެ ބިލްތަކަށް ނޫން ކަމަށެވެ.
"އޭގެ ކުރީ މަހު އެކިއެކި ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފޮނުވާފައި ހުންނަ ބިލްތަކަށް މި ފައިސާ ދައްކަނީ. އޭގެ ކުރީ މަސްމަހުގެ ވާހަކަ މި ދައްކަނީ. ދެން އޭގެ ކުރީ މަސްމަހު ކޮން އިންތިހާބެއް އޮވެގެން ކަމެއް އަޅުގަނޑަކަށް ނޭނގެ." މިއުވާން ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ އަސަންދަ ހަރަދަކީ މީހުން އަތަށް ދޭ ފައިސާ ނޫން ކަމަށެވެ. ބިލުތަކަށް ފައިސާ ދައްކަނީ އާސަންދައިގެ ކޭޝް ފްލޯއަށް ބެލުމަށްފަހު ކަމަށް ވިދާޅުވި އެވެ. އާސަންދައިގެ ހަރަދުތައް ހިނގާ ގޮތް ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
"މިއަހަރުގެ ޖެނުއަރީ މަހު އާސަންދައަށް ކުރާ ހަރަދު ވަކިން އިތުރުވެގެން އުޅެނީކީއެއް ނޫން. އަދި އެއްވެސް ކަހަލަ އިންތިހާބަކާ ގުޅިގެން ވަކި އިތުރު ހަރަދެއް ކުރީކީއެއް ނޫން. ނުވަތަ އިންތިހާބަކާ ގުޅިގެން އާސަންދައިން ވަކިން ކޮން ހަރަދެއްތޯ އިތުރަށް ކުރާނީ؟" މިއުވާން ސުވާލު ކުރެއްވި އެވެ.
އާސަންދައަށް ޖެނުއަރީ މަހު ހަރަދު އިތުރުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެންތޯ ރައްޔިތުންގެ މަޖިލީހުން ސުވާލުކުރަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ޕްރައިމަރީގައި ބޮޑު ނާކާމިޔާބީއެއް ލިބިވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުގެ ހަރަދު ތަފްސީލް ހިއްސާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އާސަންދަ އިން ހަރަދުކުރީ 67.9 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު އާސަންދަ އިން 283.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.