ރިޔާސީ އިންތިހާބު 2023

ނަޝީދު ފިތުނަ އުފައްދަނީ ޕްރައިމަރީން ބަލިވުމުން: މިއުވާން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ދެއްކެވި ވާހަކަފުޅު ދޮގުކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފި އެވެ.

ދަ ޑިމޮކްރެޓްސްގެ ޖަގަހައިގައި ރޭ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ކޮންމެ ދުވަހަކު ހެނދުނު "މުށެއް ފުރާ ބޭސް" ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އަދި އެމަނިކުފާނަކީ ހިތުގެ އާލާސްކަންފުޅާ އުޅުއްވާ ބޭފުޅެއް ކަމަށެވެ.

މީގެއިތުރުން ރައީސް ސޯލިހް މާބޮޑަށް މުސްކުޅިވެއްޖެ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އުމުރުފުޅަށް މަލާމާތް ކުރައްވާ ވެސް ނަޝީދު ވާހަކަދެއްކެވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު ދަންނަވާލަން އޮތީ މަނިކުފާނު ވެސް މުސްކުޅި ވި ވާހަކައޭ،" ނަޝީދު ވިދާޅުވި އެވެ.

ރައީސްގެ ސިއްހީ ހާލަތާ ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަތައް ދޮގުކުރައްވާ މިއުވާން މިއަދު ވިދާޅުވީ މިއަހަރު ބޭއްވުނު އެމްޑީފީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ސޯލިހްގެ ފަހަތްޕުޅަށް އަރާވަޑައިނުގަންނަވަން ވެގެން އެއްގޮތް ނެތިއްޔާ އަނެއް ގޮތަކުންވެސް ނަޝީދު ގެންދެވީ ބަހަނާ ދައްކަވަމުންނެވެ.

މިއުވާން އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ފަދަ ބޭފުޅަކު އެދަރަޖައަށް ވެއްޓުނީ ހިތާމަކުރައްވާ ކަމަށެެ.

"ޕްރައިމަރީން ބަލިވީމާ، ކާމިޔާބުކުރި ކެންޑިޑޭޓުގެ ފަހަތަށް ނާރަން އެކިފާޑުގެ ތާކުންތާކުނުޖެހޭ ބަހަނާ ދެއްކެވި ބޭފުޅަކު އެއް ގޮތް ނެތިއްޔާ އަނެއް ގޮތަކުން ފަތުރަމުންދާ ފިތުނައިގެ އިތުރު ބޮޅެއް. އެ ދަރަޖައަށް އެފަދަ ބޭފުޅަކު ވެއްޓުނީތީ ހިތާމަކުރަން. ހައިރާނެއް ނުވޭ، ހިތާމަކުރަން،" ނަޝީދަށް ރައްދު ދެއްވަމުން މިއުވާން ވިދާޅުވި އެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް މަލާމާތް ކުރެއްވިއިރު އެމްޑީޕީގެ ޕްރައިމަރީގެ ކުރިން މި ދެ ބޭފުޅުންނަކީ އެންމެ ގާތް ދެ ރަހްމަތްތެރިންނެވެ.

ދެބޭފުޅުންގެ ހިޔާލު ތަފާތުވުން ބޮޑުވެ އެކުގައި މަސައްކަތް ނުކުރެވޭ ހިސާބަށް ދިއުމުން ރައީސް ނަޝީދު މިހާރު ވަނީ އެމްޑީޕީން ވެސް ވަކިވެވަޑައިގެން އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފަ އެވެ.

ރައީސް ސޯލިހަށް އިޝާރާތް ކުރައްވާ ވެރިކަން ކުރެވޭނީ ޒުވާން ދުވަސްވަރު ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނަޝީދު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެމަސައްކަތް ހުއްޓުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައިގެން ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެންނެވެ.