ވެރިކަމުގެ މިދައުރުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލު ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ ކެނޑިޑޭޓަކަށް ވެވަޑައިގެންނެވުމާއެކު ރައްޔިތުންނާ ހިސާބަށް ދިއުމުގެ ކުރިން މެނިފެސްޓޯއެއް އެކުލަވާލެއްވި ކަމަށެވެ.
"އެ (މެނިފެސްޓޯ) އެކުލަވާލީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެއްގެ މަޝްވަރާގެ މަތިން. އެ މެނިފެސްޓޯގައި އެއްގޮތަކަށްވެސް ނޯންނާނެ ނިޒާމީ ވޯޓެއް މި ފަސް އަހަރުގެ ތެރޭގައި ނަގާނެ ވާހަކައެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނާ ހަވާލުވެފައި އޮތް މެނިފެސްޓޯގައި ހުރި ކަންކަން ކަމަށާއި މެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކަ ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
"މެނިފެސްޓޯގައި ނެތް ކަމެއް ކުރަންވެއްޖެ ކަމަށްވަންޏާ ދެން ކުރަން ޖެހޭނެ ކަމަކީ ކޯލިޝަންގައި ތިބި އެންމެންނާ މަޝްވަރާކުރުން. އެންމެންގެ ލަފައާ އެކީގައި އަޅުގަނޑަށް ކުރިއަށް ދެވޭނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މެނިފެސްޓޯގައި ނެތް ކަމެއް މި ދައުރު ތެރޭގައި ދެން އެމަނިކުފާނަށް ކުރިއަށް ގެންދެވޭނެ ފުރުސަތެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް މިއަދު އިތުރަށް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންވާނަމަ އެކަން ކުރެވޭނެ ގާނޫނީ އުސޫލުތައް އެބަހުރި ކަމަށެވެ. އެކަން ކުރަން ބޭނުންވާ ބޭފުޅުން އެ މަގުން ކުރިއަށް ދެވިދާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ބަރުލަމާނީ ނިޒާމަށް ވަކާލާތު ކުރައްވާ ރައީސް ނަޝީދު ވަނީ ނިޒާމު ބަދަލުކުރުމުގެ ވާހަކަ މެނިފެސްޓޯގައި ހިމެނޭ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. ރައީސް ނަޝީދު އެ ވިދާޅުވާ ވާހަކަ އޮތީ އެމްޑީޕީގެ މެނިފެސްޓޯގަ އެވެ.