ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަނުކުރައްވާ ނިންމާ އެކަން އެއްވެސް ބޭފުޅަކާ ހިއްސާ ކުރައްވާފައި ނުވާ ކަމަަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިހެން ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
އަވަސްއާ ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ދެންމެ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަނުކުރައްވާ ނިންމާ އެކަން އެއްވެސް ބޭފުޅަކާ ހިއްސާ ކުރައްވާފައި ނުވާ ކަމަަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ގޮތެއް ނިންމެވުމަށް ފަހު އެކަން އެމަނިކުފާނު ހާމަ ކުރައްވާނެ ކަމަށެވެ.
ދިވެހި ޗެނަލް އިން ގެނެސްދިން ޕްރަގްރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ 2023 ގެ ރިޔާސީ ރޭހަށް އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވާނެ ކެންޑިޑޭޓަކު ނިންމާނީ އެމްޑީޕީގެ މެންބަރުން ކަމަށެވެ. އެއީ ރިޔާސީ ޕްރައިމަރީއަކުން ކަމަަށްވެސް ވިދާޅުވިއެވެ. އެ ޕްރައިމަރީއަށް ރައީސް ސޯލިހާއި އެމަނިކުފާނުގެ އިތުރުން އެހެން ބޭފުޅަކުވެސް ނިކުންނެވުން ވަރަށް މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އޭގެ ފަހަށް ދެން ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް ރައީސް ސޯލިހް ނިކުންނަވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށެވެ. އަދި ރައީސް ސޯލިހް މިހާތަނަށް ވެސް އެފަދަ ވާހަކައެއް ދައްކަވާފައިނުވާކަން ފާހަގަ ކުރެއްވެވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ރޭހަށް އެމަނިކުފާނު ނިކުންނަވާނެ ކަމަށާ އެ ވާހަކަފުޅު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި ރައީސް ސޯލިހް ދެވަނަ ދައުރަކަަށް ކުރިމަތިލައްވާނެ ކަމަަށް ނުބެލޭ ކަމަަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ގޮތެއް ނިންމަވާ އެކަން އަދި ރައީސް ސޯލިހް ރަސްމީކޮށް ހާމައެއް ނުކުރައްވައެވެ. ނަމަވެސް އެމަނިކުފާނުގެ އެންމެ އަރިސް އަދި ވަފާތެރި މެންބަރުން ގެންދަވަނީ ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިން ހިންގަވަމުންނެވެ. އެމަނިކުފާނު ރަށްރަށް ވަޑައިގަންނަވާއިރު 2023 ގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ލިޔެ ބެނާތައްވެސް ހަރުކޮށްފައި ހުރެއެވެ.
މިއަދު ކުރިއަަށްދާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕެއިންގައިވެސް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. ފައްޔާޒަކީ ރައީސް ސޯލިހްގެ ވަޒީރުންގެ ތެރެއިން އެމަނިކުފާނާ އެންމެ އަރިސް އަދި އެމަނިކުފާނު އެންމެ އިތުބާރު ކުރައްވަވާ އެެއް ވަޒީރެވެ.