ރާއްޖެއިން އަބަދުވެސް ސާކް އާއި ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްމުޖްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް ހިއެސަލަ ރުވަން ވީރަކޫން ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސާކްގެ 14 ވަނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެސަލަ ރުވަން ވީރަކޫން، އިންތިހާބުވުމާ ގުޅިގެން އެކަމަށްޓަކައި މަރުހަބާ ދަންނަވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ސާކުގެ ފަރާތުން ކޮވިޑްގެ ހާލަތުގައި ސަރަހައްދީ ގައުމުތަކަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތާއި މެންބަރު ގައުމުތަކުގެ މެދުގައި ގުޅުން ހަރުދަނާ ކުރުމަށް އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފަ އެވެ.
ރައީސް ސޯލިހް ވަނީ ސާކް އާއި ގުޅިގެން ޓެރެރިޒަމް އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރެއްވުމަށާއި، އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ރާއްޖެއިން މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އަދި ސާކްގެ މެންބަރު ގައުމުތަކުން ގުޅިގެން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން މުހިންމު ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ޓީމުގެ ކުޅުން ފާހަގަކުރައްވާ ތައުރީފް ކުރައްވާފަ އެވެ. އަދި ރާއްޖެއިން ކުރިއަށް ގެންދާ ކޮވިޑްގެ ވެކްސިން ދިނުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި ރާއްޖެއިން ވެކްސިން ފޯރުކޮށްދިނުމުގައި ވެސް އެހެން ގައުމުތަކަށް ނަމޫނާ ދައްކާފައިވާ ކަމަށް ވިދާޅުވެފަ އެވެ.