ހަބަރު

ކުންފުނިތަކާބެހޭ ގާނޫނަށް ބޮޑެތި ބަދަލުތައް ގެންނާނަން: މިނިސްޓްރީ

  • ޕާޓްނާޝިޕާބެހޭ ގަވައިދަށް ވެސް ބަދަލުތައް ގެންނާނެ
  • ކޯލް ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތް ފަށައިފި

ކުންފުނިތަކާބެހޭ ގާނޫނަށް ބޮޑެތި ބަދަލުތައް ގެންނަންޖެހޭ ކަމަށާއި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ބިޒްނެސް ރަޖިސްޓްރޭޝަނާބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރަޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް މިއަދު ވިދާޅުވީ ގާނޫނަށް އިސްލާހުތައް ގެންނަ އިރު ޕާޓްނާޝިޕާބެހޭ ގަވައިދަށް ވެސް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށެވެ.

ވިސާމް ވިދާޅުވީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭގޮތުން މައުލޫމާތު ހޯދުމުގައި އާއްމުންނަށް ފަސޭހަ ކޮށްދިނުމަށް ކޯލް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

މިނސްޓްރީގެ ބިޒްޏަސް ޑިޕާޓްމެންޓްގެ ފަރާތުން އެހެން އޮފިޝަލަކު މިއަދު ވިދާޅުވީ އަމިއްލަ ފަރާތްތަކުގެ ވިޔަފާރީގެ ގޮތުގައި މިހާތަނަށް 6675 ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެންމެ ގިނައިން ކުންފުނިތައް ރަޖިސްޓްރީކޮށްފައިވަނީ މ. އަތޮޅާއި ނ. އަތޮޅާއި އައްޑު އަތޮޅުން ކަމަށެވެ. އަދި ވިދާޅުވީ މި އަހަރާ ހަމައަށް 1100 ކުންފުނި ރަޖިސްްޓްރީކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޕާޓްނާޝޮޕް ކުންފުނީގެ ގޮތުގއި 1010 ކުންފުނި ވަނީ ރަޖިސްޓްރީކޮށްފައިވާއިރު ކޯޕަރޭޓިވްސްގެ ގޮތުގައި 7 އަދި ފޮރިން އިންވެސްޓްމެންޓްގެ ގޮތުގައި 31 ކުންފުނި ރަޖިސްޓްރީކޮށްފައިވެއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އިކްނމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ކުންފުންޏާބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ބިލް ގެނެސް ރައްޔިތުން މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށާއި އެ ބަދަލުތަކާއެކު 1000 ވަޒީފާ އުފެއްދޭނެ ކަމަށެވެ.

މިނިސްޓަރު އޭރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާއިރު ވިޔަފާރިތަކަށް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމް ކުރުމަށް ކުންފުނިތަކާ ބެހޭ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައި ބިލުގެ 80 ޕަސެންޓް ޑްރާފްޓްކޮށް ނިމިފައިވާ ކަމަށެވެ.