ހއ. އަތޮޅުގައި ތަރައްގީ ކުރާ ހާއްސަ އިގްތިސާދީ ސަރަހައްދު، އައިހެވަންއަށް ސައުދީ އަރަބިއްޔާ އިން ޝައުގުވެރިވެފައި ވަނީ އެތަނުގައި ތެޔޮ ސާފު ކުރާނެ ކާރުހާނާތަކަކާ އެކު އެ ސަރަހައްދު ތަރައްގީ ކުރުމަށް ކަމަށް ސަރުކާރުން ބުނެފި އެވެ.
އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ މަޝްރޫއާ މެދު ވާހަކަ ދެއްކެވުމަށް ސައުދީއަށް ފުރާވަޑައިގެންފައިވާ މި ދަނޑިވަޅުގައި ހޯމް މިނިސްޓަރު ރޭ ވިދާޅުވީ ސައުދީ އިން އެ މަޝްރޫއަށް ޝައުގުވެރިވެފައި ވަނީ ޓްރާޝިޕްމަންޓް ބަނދަރުގެ އިތުރަށް އެ މަޝްރޫއުގެ ތެރެއިން ހއ ގައި ތެޔޮ ސާފު ކުރާ ކާރުހާނާ އަކާއި އެތަނުގައި ތެޔޮ ރައްކާ ކުރާ ސްޓޯރޭޖެއް ހެދުމަށް ކަމަށެވެ. އަދި އެ ސަރަހައްދުގައި ހަނދާ ބަނދަރު މެދުވެރިކޮށް ދުނިޔޭގެ އެކި ގައުމުތަކަށް ސާފު ކުރާ ތެޔޮ ފޯރުކޮށް ދިނުމަށް ސައުދީގެ ވިސްނުން ހުރި ކަމަށް އުމަރު ވިދާޅުވި އެވެ.
"ސައުދީއާ އެކު މި މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށް ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އެބަ އުންމީދު ކުރެވޭ. މިއީ ކުދި އާބާދީތައް މި ސަރަހައްދަކަށް ވަރަށް ބޮޑަށް ޖަމާވާނެ މަޝްރޫއެއް. ކުދި ރަށްރަށުން އެބަ އަންނަން ޖެހޭ މިފަދަ މަޝްރޫއުތައް ހުރި ބޮޑެތި ރަށްރަށަށް،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައިހެވަން ހިންގާ ސަރަހައްދުގައި އެކަން އެންމެ ފީސިބަލްކޮށް ކުރެވޭނީ، އެންމެ މަދުވެގެން 14،000 މީހުންގެ އާބާދީއެއް އޮވެގެން ކަމަށް އެ މަޝްރޫއުގެ ދިރާސާ ހެދި ބޮސްޓަންސް ކޮންސަލްޓެންސީ އިން ބުނެފައިވެ އެވެ. އަދި އެފަދަ ބޮޑު އާބާދީއެއް ބޭނުން ވަނީ އިގްތިސާދީ މިހާ ބޮޑެތި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރަން ކަމަށް އުމަރު ވިދާޅުވި އެވެ. އައިހެވަންގެ މަޝްރޫއަކީ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެއްކަން ފާހަގަ ކުރައްވަމުން އުމަރު ވިދާޅުވީ، އެ މަޝްރޫއު ފެށުމުން އުފެދޭ އިގްތިސާދީ މަސައްކަތްތަކާއި ފުރުސަތުގެ ބޭނުްނ ހިފައިގެން ކުދި އާބާދީތަކުން އެ ސަރަހައްދަށް މީހުން އަންނާނެ ކަމަށް ލަފާ ކުރެވެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އާބާދީ އެއްފަސްކުރުމަކީ މަޖުބޫރުން ކުރުވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އިގްތިސާދީ މަސައްކަތްތައް ފާހަގަކޮށްލެވޭ ސަރަހައްދުތަކެއްގައި ގާއިމްކޮށްގެން އެ ތަންތަނަށް މީހުން ރުހުމުގައި އަންނަން ސަރުކާރުން ފުރުސަތު ހުޅުވާލުމުގެ އުސޫލެއް ގެންގުޅުއްވާ ކަމަށް އުމަރު ވިދާޅުވި އެވެ.