ބޮސްނިއާ މީހަކު އޭނާގެ އަނބިމީހާ ދެކެ ވާ ލޯބި ހާމަކޮށްދިނީ އޭނާއަށް ޚާއްސަ އެނބުރޭ ގެއެއް ބިނާ ކޮށްދީގެންނެވެ. މިއީ އިންޑިއާގެ ތާޖް މަހައްލު ކަހަލަ ލޯބީގެ ބިނާ އަކަށް ނުވިޔަސް މި ގެއަށް ބަލާލުމުން އެމީހާ އޭނާގެ އަންހެނުން ދެކެ ވާ ލޯބި ވަރަށް ރަނގަޅަށް ހާމަވެ އެވެ. އަދި މިއީ ތާޖް މަހައްލު ފަދަ ލޯބީގެ މޮނިއުމަންޓެއް ކަން ޔަގީން ކުރެވެ އެވެ.
ބޮސްނިއާގެ އުތުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ސަރްބަކްގައި ދިރިއުޅޭ 72 އަހަރުގެ ވޯޖިން ކޫސިޖް މި ގެ ފަރުމާކޮށް ގެ އެޅުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރީ އެކަނި މާއެކަންޏެވެ. ފެހިކުލައިގެ ދަވާދު ލާފައިވާ މި ގޭގައި ފުރާޅު ހުންނަނީ ރަތްކުލައިންނެވެ. މި ގޭގެ ޚާއްސަ އެއް ސިފައަކީ މި ގެ ބޭނުން ގޮތަކަށް އަނބުރާ ލެވޭ ކަމެވެ. މިއީ އޭނާގެ އަންހެނުން ލޫބިޖާގެ ހިތް ހަމަޖައްސައިދޭން އަދި ކުޑަދޮރުން އޭނާ ބޭރު ބަލާލާއިރު ގޭގެ ވަށައިގެންވާ ކޮންމެ ތަނެއް ވެސް ފަސޭހައިން ބަލާލެވޭނެ ގޮތަކަށް ތައްޔާރު ކޮށްފައިވާ ގެއެކެވެ.
ކޫސިޖް ބުނި ގޮތުގައި އުމުރުން ދުވަސްވެ އޭނާ ކުރަމުން އައި އާއިލީ ވިޔަފާރިއާ ދަރިން ހަވާލުވުމުން އަންހެނުންނަށް ޚާއްސަ ގެއެއް އަޅާދޭނެ ހުސް ވަގުތު އޭނާއަށް ލިބުމުން އެކަން ކުރީ ކަމަށެވެ.
"އަހަރެން އަންހެނުން އަބަދުވެސް ބޭނުންވޭ އޭނާ ގޭގައި އެ ހުންނަ ހިސާބެއްގައި ހުރެގެން ގޭގެ ޕޮޒިޝަން އެކި ގޮތް ގޮތަށް ބަދަލުވާން. އެހެންވެ އޭނާ ހިތްހަމަޖައްސައިދޭން މި ގެ މި އެޅީ،" ކޫސިޖް ބުންޏެވެ.
މީގެ އެތައް އަހަރެއް ކުރިން ކޫސިޖް އާއި ލޫބިޖާ ކައިވެނި ކުރުމަށްފަހު ދެމަފިރިން އުޅެން ކޫސިޖް ގެއެއް އެޅި އެވެ. ނަމަވެސް އެއީ ހަމަ ވަރަށް އާދައިގެ ގެއެކެވެ. އެ ގޭގައި އެމީހުންނަށް ލިބުނު ތިން ދަރިން ބޮޑުކޮށްފައި ވެއެވެ. އޭރުވެސް އޭނާގެ އަންހެނުން ބޭނުންވީ ނިދާ ކޮޓަރިތައް އަރައިގެން އަންނައިރު ފެންނަ ގޮތަށް ހުންނަން ކަމަށް ވާތީ އޭނާ ފުރަތަމަ ގެ ބިނާ ކުރީ އެގޮތަށް ކަމަށް ކޫސިޖް ބުންޏެވެ.
ނަމަވެސް މިގޮތަށް ގެ ބިނާ ކުރުމުން އެމީހުންގެ ލިވިން ރޫމް ހުންނަނީ މަގަށް ފުރަގަހަށް ވާ ގޮތަށެވެ. އެހެންވެ އެމީހުންގެ ގެޔަށް ވަންނަން އަންނަ މީހުން ނުފެންނަ ކަމުގެ ޝަކުވާ އަންހެނުން ކުރަން ފެށި ކަމަށާއި އެ ފަހަރު ވެސް ކޫސިޖް އަށް ޖެހުނީ އަލުން ބަލުން ގޭގެ މޮޑެލް ބަދަލުކުރަން ކަމަށް އޭނާ ބުންޏެވެ.
"އަހަރެންނަށް ޖެހުނީ އަހަރެމެންގެ ނިދާ ކޮޓަރިތަކުގެ މެދުން ލާފައި ހުރި ފާރުތައް ތަޅާލައި އެތަން ލިވިން ރޫމަށް ބަދަލުކޮށް އެތާނގައި ހުރި ކަރަންޓު ވަޔަރުތައް ވެސް މުޅިން އެހެން ގޮތަކަށް ބަދަލުކުރަން. އެކަންވީ ވަރަށް އުނދަގޫ އަދި ވަގުތު ހޭދަވި ކަމަކަށް. އެހެން ނަމަވެސް އަންހެނުން ހިތްހަމަޖެހޭ ގޮތަށް އެ ފަހަރުވެސް އަހަރެން ގެ މުޅިން ބަދަލުކޮށްދިނިން،" ކޫސިޖް ބުންޏެވެ.
މިގޮތަށް ދެމަފިރިން އެތައް އަހަރަކު އެގޭގައި ދިރިއުޅެމުން އައިސް އެ މީހުންނަށް ލިބުނު ތިން ދަރިންގެ ތެރެއިން ދެ ދަރިން ކައިވެނި ކޮށްގެން ވަކިން ދިރިއުޅެން ފެށި އެވެ. އަދި މީގެ ހަ އަހަރު ކުރިން އެމީހުންނާއެކު އެންމެ ފަހުން ގޭގައި ދިރިއުޅުނު ފިރިހެން ދަރިފުޅު ވެސް ކައިވެނިކުރި އެވެ. އެ ދަރިފުޅު ދުރު ގެއަކަށް ފޮނުވާލުމުގެ ބަދަލުގައި އެމީހުން ދިރިއުޅޭ ގޭގެ އެންމެ މަތީ ފްލޯ އެމީހުން ދިރިއުޅެން ދޭން އެ ދެމަފިރިން ނިންމި އެވެ. އަދި ދެމަފިރިން އެންމެ ތިރިއަށް ބަދަލުވި އެވެ.
"އަހަންނަށް އެނގޭ ތިރިއަށް ބަދަލުވެފައި އަނެއްކާވެސް އަންހެނުން އަހަރެން ލައްވާ ފާރުތައް ތަޅައި މަތީގައި ހުރި ގޮތަށް ތަންތަން ބަދަލު ކުރަން އެދޭނެކަން. އެހެންވެ އޭނާ އެ ވާހަކަ ދައްކަން ފެށުމުގެ ކުރިން އަހަރެން މުޅިން އާ ގެއެއް އަޅަން ފެށީ. މި ގެ އަހަރެން ތައްޔާރުކުރީ ރޮޓޭޓްވާ ގޮތަށް. އަންހެނުން ބޭނުން އިރަކު ބޭނުން ދިމާލަކަށް ގެ އަނބުރާ ލެވޭނެ މިހާރު،" ކޫސިޖް ބުންޏެވެ.
ކޫސިޖް ބުނީ އޭނާއަކަށް ކޮލެޖުގައި ކިޔަވާނެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އޭނާގެ އެނބުރޭ ގެ ފަރުމާކޮށް އެ ގެ އެޅީ އޭނާ އަމިއްލައަށް ކަމަށާއި ގެ އަނބުރަން ބޭނުންކުރަނީ އިލެކްޓްރިކް މޯޓަރަކާއި ވަރަށް ބާ މިލިޓަރީ ޓްރާންސްޕޯޓް ވެހިކަލެއް ކަމަށް ވެސް ކޫސިޖް ބުންޏެވެ.
"މިހާރު އަހަރެމެންގެ ގެޔަށް ވަންނަން ހުންނަ ބޭރު ދޮރު ވެސް އެނބުރޭނެ. ގެއަށް ވަންނަން އަންނަ މީހާއަކީ އަންހެނުން ބައްދަލުކުރަން ބޭނުން ނުވާ މީހެއް ނަމަ ވަގުތުން ގެ އަނބުރާލާ އެމީހާއަށް ގޭގެ ފުރަގަސް ފެންނަ ގޮތް ހަދާލެވޭނެ ވަރަށް ފަސޭހައިން،" ޖޯކެއް ޖަހަމުން ކޫސިޖް ބުންޏެވެ.