އަމިއްލަ ހަށިގަނޑުގެ ބައެއް އުފެދިފައި ހުރި ސިފައިގެ ސަބަބުން ދުނިޔޭގެ ރެކޯޑެއް ލިބިދާނެ ކަމަކަށް އެއްވެސް މީހަކު ހިތަކަށް ނާރާނެ އެވެ. ތުރުކީގެ މީހަކަށް މިހާރު ދިމާ ވެގެން އުޅެނީ މި ކަހަލަ ގޮތެކެވެ.
މެހެމެތު އޮޒްޔޫރެކް ނަމަކަށް ކިޔާ މި މީހާއަށް މިހާރު ވަނީ ދުނިޔޭގައި ހުރި އެންމެ ނޭފަތް ދިގު މީހާގެ ދުނިޔޭގެ ރެކޯޑް ލިބިފަ އެވެ.
އުމުރުން 71 އަހަރުގެ މި މީހާގެ ނޭފަތަށް ވުރެ މާ ދިގު ނޭފަތް ހުރި މީހުން ވެސް ދުނިޔޭގައި ހުރުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ގިނިސް ވޯލްޑް ރެކޯޑްސްގައި އެންމެ ނޭފަތް ދިގު މީހާގެ ގޮތުގައި މި މީހާގެ ނަން ލިޔެވުނީ ޓީވީން ލައިވްކޮށް ދެއްކި ޕްރޮގްރާމެއްގައި އޭނާގެ ނޭފަތުގައި މިން އަޅާފައި ވާތީ އެވެ.
މެހެމަތުގެ ނޭފަތުގެ މިން އެޅީ އިޓަލީގެ ޓީވީ ޝޯއެއްގައި މީގެ 2010 ވަނަ އަހަރު އެވެ. އޭރު އޭނާގެ ނޭފަތުގައި ހުރީ 8.8 ސެންޓި މީޓަރު (3.46 އިންޗި) އެވެ. މިހާރު އޭގެ ފަހުން 11 އަހަރު ފާއިތުވެފައިވާއިރު އަދިވެސް މި ރެކޯޑް އޮތީ އޭނާ އަށެވެ.
އިންސާނާގެ ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން ނޭފަތާއި ކަންފަތަކީ އުމުރުން ދުވަސް ވިޔަސް ހެދިބޮޑުވުން ނުހުއްޓޭ ދެ ގުނަވަނެވެ. އެހެންކަމުން މިހާރު އޭނާގެ ނޭފަތުގައި މިން އަޅައިފިނަމަ ކުރިޔަށް ވުރެ ވެސް ދިގު ވުމަކީ އެކަށީގެންވާ ކަމެކެވެ.
ދުނިޔޭގައި މިހާތަނަށް ދިރިއުޅުނު އެންމެ ނޭފަތް ދިގު މީހާގެ ރެކޯޑް އޮތީ ތޯމަސް ވެޑާސް ކިޔާ މީހަކަށެވެ. މި މީހާގެ ނޭފަތުގައި 7.5 އިންޗި ހުރި ކަމަށް ވެއެވެ. މި މީހާއަކީ 18 ވަނަ ގަރުނުގައި އިންގްލެންޑްގެ ޔޯކްޝަޔާގައި ދިރިއުޅުނު މީހެކެވެ. އެމީހާ ދިރިއުޅުމަށް ކުރި މަސައްކަތަކީ ޗަރުކޭސްތަކުގައި ޕާފޯމް ކުރުމެވެ. އެމީހާ ނޭފަތް ބޭނުންކޮށްގެން ވަރަށް މަޖާ ޗަރުކޭސްތައް ދައްކާފައިވާ ކަމަށް ރެކޯޑް ފޮތްތަކުގައި ވެއެވެ.
އުމުރުން 50 އަހަރު ނުވަތަ 52 އަހަރުގައި ވެޑާސް ވަނީ މަރުވެފަ އެވެ. ނަމަވެސް އޭނާގެ ދިގު ނޭފަތުގެ ވާހަކަ އަދިވެސް މީހުން ދައްކަ އެވެ.