ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ދިގު އަންހެންމީހާގެ ރެކޯޑް ތުރުކީ މީހަކަށް

ދުނިޔޭގެ އެންމެ ދިގު އަންހެންމީހާގެ ރެކޯޑް ތުރުކީގެ މީހަކަށް ލިބިއްޖެ އެވެ. ގިނިސް ވޯލްޑް ރެކޯޑްސް، ރުމޭސާ ގެލްގީ އަށް ލިބުނީ އިސްކޮޅުގައި ހަތް ފޫޓު ހަތް އިންޗި ހަމަ ވެގެނެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ރުމޭސާ ދިގު ވަނީ ވީވާޒް ސިންޑްރޯމް ކިޔާ ބައްޔެއް ހުރެގެނެވެ. މިއީ ވަރަށް މަދުން ނޫނީ މީހުނަށް ނުޖެހޭ ޖެނެޓިކް ޑިސްއޯޑާ އެކެވެ.

އިސްކޮޅުން ދިގު ވުމުގެ އިތުރުން ރުމޭސާގެ އަތް ވެސް އާދަޔާހިލާފަށް ދިގެވެ. އޭނާގެ އަތުގައި 24.5 ސެންޓި މީޓަރު ހުރެ އެވެ. އަދި ފައިގައި 30.5 ސެންޓިމީޓަރު ހުރެ އެވެ.

ދިގު އިސްކޮޅުގެ ސަބަބުން ރުމޭސާ އަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނަސް އޭނާގެ ބަލީގެ ސަބަބުން ދިރިއުޅުން ވަނީ ވަރަށް ދަތި އުނދަގޫ ކަމަކަށް ވެފަ އެވެ. އޭނާއަށް ރީތި ކޮށް ކޮޅަށް ނުހުރެވެ އެވެ. އަދި ހިނގާ އުޅެން ވެސް ވަރަށް އުދަނގުލެވެ. އެހެންވެ އޭނާ އާންމުގޮތެއްގައި އުޅެނީ ފުރޮޅުލީ ގޮނޑީގަ އެވެ. އަދި ވޯކިން ފްރޭމެއްގެ އެހީގައި ކޮޅަށް ތެދުވެ ހިނގާ އުޅެ އެވެ.

ރުމޭސާ، 24، ބުނި ގޮތުގައި ހަޔާތުގައި ދިމާވާ ކޮންމެ ގޮންޖެހުމަކާއެކު ކޮންމެވެސް ކަހަލަ ރަނގަޅު ކަންތައްތަކެއް ވެސް މެދުވެރިވާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ. އެހެންކަމުން އަމިއްލަ ހާލަތަށް އޭނާ އަބަދު ވެސް ޝުކުރު އަދާކޮށް ކުރިއަށް ދެވޭނެ ގޮތްތައް ހޯދަން މަސައްކަތް ކުރެ އެވެ.