ބޮލީވުޑް

އަމީތާބު ރިޓަޔާ ކުރަން ސަލީމް ޚާން ބޭނުންވަނީ ކީއްވެ؟

ބޮލިވުޑް ފިލްމުތަކުގެ ސްކްރިޕްޓް ލިޔުންތެރިންގެ ގޮތުގައި ސަލީމް-ޖާވީދު ވަނީ އަމީތާބު ބައްޗަންގެ ކުރީގެ 10 ވަރަކަށް ފިލްމަށް ސްކްރިޕްޓް ލިޔެދީފަ އެވެ. ސަލީމް-ޖާވީދު ވަކިވެ ޖާވިދު އަޚްތަރު ވަކިން ލަވަތަކާއި ސްކްރިޕްޓްތައް ލިޔުމުގެ މަސައްކަތް ކުރިޔަސް ސަލީމް ސްކްރިޕްޓް ލިޔުމުގެ މަސައްކަތެއް ނުކުރެ އެވެ.

ސަލްމާނާއި އަރްބާޒް އަދި ސުހައިލް ޚާންގެ ބައްޕަ ސަލީމް ދާދި ފަހުން އިންޑިޔާ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވަނީ އަމީތާބު ރިޓަޔާ ކުރަން އެދޭ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު 79 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފައިވާ އަމީތާބު ބޭނުންވާ ހުރިހާ ކަމެއް މިހާރު އޭނާއަށް ހާސިލު ވެފައިވާ ކަމަށާއި ހަޔާތުގެ ދެން އޮތް ބައި އަރާމާއި އުފަލުގައި ހޭދަ ކޮށްލަން ފެންނަ ކަމަށް ސަލީމް ބުންޏެވެ.

ކެރިއަރުގައި އަމީތާބު އާދަޔާޚިލާފު މޮޅު މަސައްކަތްތަކެއް ގިނަ ދުވަސްތަކެއް ވަންދެން ކޮށްފައިވާ ކަމަށާއި މިހާރު ދެން ރޭހުން ބޭރުވެ ރިޓަޔާ ވެގެން ގޭގައި ހަމަޖެހިލައިގެން އިނުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ސަލީމް ދެކެ އެވެ.

ސަލީމް ބުނި ގޮތުގައި ވަކި އުމުރަކަށް ދިޔައިމަ ރިޓަޔާ ވުމުގެ ސިސްޓަމް އޮންނަނީ ކޮންމެ މީހަކަށް ވެސް ކަމެއް ވެގެން ކަމަށާއި އަމީތާބު ވެސް މިހާރު ރިޓަޔަކޮށް ހަޔާތުގެ ދެން އޮތް ބައި އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ހޯދުމުގައި ހޭދަކުރަން ފެންނަ ކަމަށެވެ.

ސަލީމް ގަބޫލުކުރާ ގޮތުގައި އެއް އިރެއްގައި "ރުޅިގަދަ ޒުވާނެއްގެ" ރޯލު ކޮންމެ ފިލްމެއްގައި އަމީތާބަށް ކުޅެވުނަސް މިހާރު އޭނާ އާ އެކަށީގެންވާ ރޯލުތަކެއް އަމީތާބަކަށް ނުލިބެ އެވެ.

ޖާވީދު އާއެކު ސަލީމް ލިޔުނު "ޒަންޖީރް"، "ޝޯލޭ"، "ދީވާރް"، "މަޖްބޫރު"، "ޑޯން"، "ޓްރިޝޫލް"، "ކާލާ ޕައްތަރު" އަދި "ދޯސްތާނާ" އަކީ މިހާރު ވެސް ގިނަ ބަޔެއްގެ ހަނދާންތަކާ ގުޅިފައިވާ މޮޅު ފިލްމު ތަކެކެވެ.

މިހާރު ބޮލީވުޑްގައި މަސައްކަތްކުރާ އެކްޓަރުންތަކުގެ ތެރެއިން އަމީތާބަކީ އަދިވެސް އެންމެ ގިނަ ފިލްމުތައް އެއް ފަހަރާ ކުޅެމުންދާ އެންމެ ބިޒީ އެކްޓަރެވެ. އަދި ޓީވީ ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ" ގެ ހޯސްޓަކީ ވެސް އަމީތާބެވެ. ރިޓަޔާ ވެގެން ކަމެއް ނެތި ގޭގައި އިނުމަކީ އަމީތާބު ގަބޫލުކުރާ އުސޫލަށް ނުވާތީ އޭނާ އެކްޓިވް ދިރިއުޅުމެއް އުޅެން ފިލްމުތައް ކުޅެނީ ކަމަށް އަމީތާބުގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.