ހަބަރު

ބ. އަތޮޅު ކަނޑުގެ ދިރުންތަކުގެ ސްޓޭމްޕާއި ޕޯސްޓްކާޑު ތަައާރަފް ކޮށްފި

ކަނޑުގެ ދިރުން އެންމެ މުއްސަނދި ކަމަށް ފާހަކޮށްފައިވާ ބ. އަތޮޅުގެ މޫދާ ކަނޑުގެ ސަރަހައްދުތައް ބަލަހައްޓައި ޕްރޮމޯޓްކުރާ ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުގެ މެންބަރެއްގެ ގޮތުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ސޮއިކޮށްފި އެވެ.

ކޮންޒަވޭޝަން ސެންޓަރުގެ މެންބަރަކަށް ޕޯސްޓް ލިމިޓެޑް ސޮއިކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ބ. އަތޮޅުގެ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ހިމެނޭ ސަރަހައްދުތަކުގެ ހިތްގައިމުކަމާ ދިރުންތައް ދައްކުވައިދޭ ފޮޓޯތައް ހިމެނޭ ސްޓޭމްޕް ސެޓަކާ ޕޯސްޓްކާޑެއް ތައާރަފްކޮށްފަ އެވެ.

ސްޓޭމްޕް ސެޓާ ޕޯސްޓްކާޑު ނެރެ ދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްއާ ޕޯސްޓް ލިމިޓެޑްގެ އެސިސޓެންޓް މެނޭޖިން ޑިރެކްޓަރު، ހަފީޒާ އަބްދުﷲ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ރާއްޖެއަކީ ގުދުރަތީ ގޮތުން މުއްސަނދި ވަސީލަތްތަކެއް ލިބިފައިވާ ގައުމަކަށް ވާއިރު، އެ ވަސީލަތްތައް ހިމާޔަތްކޮށް، އެ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މުހިއްމު ކަމެއް ކަމަށެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖޭގެ ކަނޑުތަކާ ފަރުތަކަކީ މުއްސަނދި ތަންތަނުގެ ގޮތުގައި ފާހަގަކޮށްލެވޭ ތަންތަން ކަމަށް ވުމުން އެ ތަންތަނުގެ ދިރުންތައް ހުރިހާ ގެއްލުމަކުން ސަލާމަތްކޮށް ރަނގަޅަށް މެނޭޖްކުރަންޖެހޭ ކަމަށް ތޯރިގް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ބ އަތޮޅުގެ ބައޮސްފިއާ ރިޒާވް އަކީ، ގިނަ އަދަދެއްގެ ފަތުރުވެރިން ބަލަން ބޭނުންވާފަދަ ސަރަހައްދުތަކެއް ކަމަށް ވާއިރު، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެފަދަ ތަންތަން ޓޫރިސްޓުންނަށް ޕްރޮމޯޓްކޮށްދޭން ރިސޯޓްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ބ.އަތޮޅުގެ ބައޮސްޕިއާ ރިޒާވްއަކީ މިހާތަނަށް ޔުނެސްކޯއިން ރާއްޖޭގައި ރިޒާވްޑް ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅި ފުރަތަމަ ސަރަހައްދުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބ. އޮތޮޅުގެ ބައޮސްފިއާ ރިޒާވް ހިމާޔަތްކޮށް މެނޭޖްކުރަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެތަން މެނޭޖްކުރާ ކޮންޒަވޭޝަން ސެންޓަރެއް ގާއިމްކޮށް، އެތަންތަނަށް އާމްދަނީ ހޯދަން ކޮންޒަވޭޝަން ފަންޑެއް ހުޅުވައި އެ ފަންޑަށް ރިސޯޓްތަކާ ޑައިވިން ސްކޫލްތަކުގެ މެންބާޝިޕް ހޯދަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިހާރުވެސް އެތަނުން އެއް ސަރަހައްދު މި މެނޭޖްކުރަނީ ދިނިޔޭގެ ކުރިއަރާފައިވާ ތަންތަންވެސް ބަލަހައްޓާ ގޮތަށް. އެތަނަށް ލިބޭ އާމްދަނީ އާންމުންނަށް ލިބޭގޮތް ހަދަން ފަންޑެއް ހުޅުވައި، އެތަންތަން ބަލަންދާ ޓޫރިސްޓުންނާ، ޑައިވްކުރަންދާ ފަރާތްތަކުން ނަގާ ފީވެސް ޖަމާކުރަނީ އެ ފަންޑަށް. ހަމަ އެގޮތަށް އެހެން ޒޯންތައްވެސް އަޅުގަނޑުމެން އަދި މެނޭޖްކުރަން ފަށާނަން. ބައޮސްޕިއާ ރިޒާވް ރާއްޖޭގައި އިތުރުކުރުމަކީ މުހިއްމު ކަމެއް. މިއީ އަޅުގަނޑުމެންނަސް އިގްތިސޯދު ހީވެސް ނުކުރާހާ މަތިކޮށްލެވޭނެ ކަމެއް،" ތޯރިގް ވިދާޅުވި އެވެ.

ބ.އަތޮޅުގެ ބައޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި ނުވަ ކޯ އޭރިއާ ހިމެނޭއިރު އެ ހުރިހާ އޭރިއާއެއް އަދިވެސް އެންމެ ފުރިހަމަޔަށް މެނޭޖް ނުކުރެވޭކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. އެހެން ނަމަވެސް އެތަންތަން މެނޭޖްކުރަންވެސް ޕްލޭންތަކެއް އެކުލަވާލައި އަންނަ އަހަރުން ފެށިގެން ވަކި ގަވާއިދެއްގެ ދަށަށް އެ ސަރަހައްދަށް ޒިޔާރަޔްކުރުމާ ޑައިވްކުރުން ހަމަޖައްސާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ، ބ.އަތޮޅުގެ ބައޮސްފިއާ ރިޒާވްގެ ގޮތުގައި ހިމެނޭ ސަރަހައްދުތައް ޕްރޮމޯޓްކުރުމުގައި ރިސޯޓްތަކުގެ އެއްބާރުލުން މިހާރަށްވުރެ އިތުރުކުރަން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފަ އެވެ.

ބައޮސްފިއާ ރިޒާވް އަކީ ތަނަކަށް ލިބިފައިވާ ގުދުރަތީ ވަސީލަތްތަކާ، ސަގާފަތާ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއެކު އެ ވަސީލަތްތަކުގެ އެހީގައި ދެމެހެއްޓެނިވިގޮތެއްގައި އެތަނެއް ތަރައްގީވެ ކުރިއަރައިގެން ދެވިދާނެކަން ދައްކުވައިދޭ ނަމޫނާ ސަރަހައްދު ތަކުގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗުރަލް އޮގަނައިޒޭޝަން (ޔުނެސްކޯ) އިން ކަނޑައަޅާ ސަރަހައްދުތަކާ ތަންތަނެވެ.

ބައޮސްފިއާ ރިޒާވްގެ ގޮތުގައި ބ އަތޮޅުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި ހިމެނޭ މައިގަނޑު ތަންތަން:
- ހަނިފަރު (ވަށައިގެންވާ ފަރާއެކު)
- ދިގަލިހާ އަދި ދިގަލިހާ ގިރި ފަރު
- އަނގަފަރު (ދޮންފަނު ތިލަ އަދި ދިގުތިލަ އާ އެކު)
- އޮޅުގިރި، ގޮއިދޫ ކޯރު ސަރަހައްދު
- ނިބިލިގާރަށް، މާހުރަވަޅި، ބަތަލާހުރާ
- މަތިފަރު ހުރާ
މި ސަރަހައްދުތަކަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިއްސާ އެނޫންވެސް އެހެން ސަރަހައްދުތަކުން މަދުން ފެންނަ ކަނޑުގެ ދިރުންތައް ގިނައިން ހުންނަ ސަރަހައްދުތަކެކެވެ.