ކުޅިވަރު

ކާމިޔާބާއެކު ބޮޑީބިލްޑަރުން އެނބުރި ރާއްޖެއަށް

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ހޯދި ކާމިޔާބީ ތަކާއެކު ރާއްޖޭގެ ބައިވެރިން އެނބުރި ގައުމަށް އައިސްފި އެވެ.

ހޯދި ކާމިޔާބީއާއެކު ބައިވެރިން ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނު އެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވަނީ ބައިވެރިންނަށް މަރުހަބާ ވިދާޅުވެ ބައްދަލު ކުރައްވާފަ އެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ބައިވެރީން ވަނީ ދެ ރިހި މެޑައްޔާއި ދެ ލޯމެޑަލް ހޯދާފަ އެވެ.

އުޒްބެކިސްތާނުގެ ވެރިރަށް ޓަޝްކެންޓުގައި ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ ހަ ބޮޑީބިލްޑަރުން ވާދަކުރި އެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވީ މުހައްމަދު ރަޝީދާއި މުހައްމަދު މޫސާގެ އިތުރުން ރާއްޖޭގެ ޓީމުގައި ހިމެނެނީ ފަތުހުﷲ މުހައްމަދާއި، އަޒްނީން ރަޝީދާއި، އިބްރާހީމް ނަބީލާއި، ހުސައިން ހިމްޔާނެވެ.

މި މުބާރާތުގައި މުހައްމަދު ރަޝީދު ރިހި މެޑަލް ހޯދީ 65 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީންނެވެ. ބައިނަލްއަގުވާމީ މުބާރާތެއްގައި އޭނާއަށް މެޑަލްއެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

މުހައްމަދު މޫސާ ރިހި މެޑަލް ހޯދީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީގައި ވާދަ ކޮށްގެންނެވެ. ދެކުނު ކޮރެއާގައި 2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި މުހައްމަދު މޫސާ ވަނީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީގައި ވެސް ލޯ މެޑަލް ހޯދާފަ އެވެ.

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ލިބުނު ކާމިޔާބީއާ ގުޅިގެން ރާއްޖޭގެ ބޮޑީބިލްޑިިން ފެޑެރޭޝަން (ބީބީއޭއެމް) އިން ބުނީ މިއަހަރު ލިބުނު ކާމިޔާބީއާ އެކު އިތުރު ކާމިޔާބީތައް ހޯދައި ކުރިއަށް އޮތް އަހަރުތަކުގައި ރަންވަނަ ތަކެއް ހޯދުމަށް ހިތްވަރު ލިބިއްޖެ ކަމަށެވެ.