އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމުން ރަން މެޑަލް އަދި ފިރިހެން ޓީމުން ރިހި މެޑަލް ހޯދައިފި އެވެ.
ރާއްޖޭގެ ފިރިހެން ޓީމު ފައިނަލްގައި ވާދަކުރީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ މަޑަގަސްކަރަ ޓީމާ އެވެ. ފައިނަލްގައި މިއަދު ރާއްޖެ ބަލިވީ 3-2 މެޗުންނެވެ.
ފިރިހެން ޓީމުން މިއަދު ހޯދި ކާމިޔާބީ އަކީ ޓީޓީގައި ރާއްޖެއަށް ތާރީހީ ކާމިޔާބެކެވެ. އެއީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ފިރިހެން ޓީމަށް އެދެވޭ ކުޅުމެއްވެސް ދެއްކިފައި ނުވާތީ އެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން 1979 ގައި ފުރަތަމަ އައިއޯއައިޖީގައި ރާއްޖޭގެ ޓީޓީ ފިރިހެން ޓީމުން ވަނީ ބްރޯންޒް މެޑަލް ހޯދާފަ އެވެ. އެހެންކަމުން މިއަދު ރިހި މެޑަލް ހޯދި ޓީޓީ ފިރިހެން ޓީމުން މިވަނީ ރާއްޖެއަށް މެޑަލްއެއް ނުލިބި މިދިޔަ 44 އަހަރަށް ނިމުން ގެނެސްފަ އެވެ.
ރާއްޖޭގެ ޓީޓީ އަންހެން ޓީމުން ވަނީ 2019 ވަނަ އަހަރު އޮތް ގޭމްސްގައި ހޯދި ރަން މެޑަލް މިއަހަރު ދިފާއުކޮށްފަ އެވެ. ޓީޓީގެ ޓީމު އިވެންޓުން އަންހެން ޓީމު މިއަދު ރަން މެޑަލް ހޯދީ ލީގު އުސޫލުން ކުރިއަށް ގެންދިޔަ މުބާރާތުގައި ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ފަހު މެޗުގައި ބައްދަލުކުރީ މޮރިޝަސްއާ އެވެ.
ރާއްޖޭގެ އަންހެން ޓީޓީ ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އާމިނަތު ރަފާ ނާޒިމް، ލައިސާ ފަތުހުﷲ އިސްމާއީލް، ފާތިމަތު ޖުމާނާ ނިމާލް، އާމިނަތު ޝިއުރާ ޝަރީފްގެ އިތުރުން މިޝްކާ މުހައްމަދު އިބްރާހިމް އެވެ. ޓީޓީ ޓީމުގައި ހިމެނެނީ މުހައްމަދު ޝައްފާން އިސްމާއިލް، މޫސާ މުންސިފް އަހްމަދު، މުހައްމަދު ޒީސްތު ނަސީމް، މުހައްމަދު ތާބިން ސުޖާއު، އަހުޔަރު އަހުމަދު ހާލިދު އަދި ޒީކް ހަސަން ލަތީފް އެވެ.