މޯލްޑިވްސް ސްޕޯޓްސް އެވޯޑް

އެންމެ މޮޅު އެތުލީޓުންނަށް ދީމާއާއި އަޒުނީން

Mar 17, 2023

މިއަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު އެތުލީޓުންނަށް ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އާއި ބޮޑީބިލްޑަރު އަޒުނީން ރަޝާދު ހޮވިއްޖެ އެވެ.

މާލޭ ކުޅިވަރު އެކުވެނީގައި މިރޭ ބޭއްވި އެވޯޑް ހަފްލާގައި މި ދެ އެތުލީޓުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން މިހަފްލާގައި، ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަޙްލޫފާއި، ދައުލަތުގެ ވަޒީރުންނާއި، ނައިޖީރިއާގެ ކުޅިވަރާ ބެހޭ ވަޒީރު ސަންޑޭ އަކިން ޑާރޭ އަދި އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއި އެތުލީޓުންނާއި، ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި އެތުލީޓުންނާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން ބައިވެރިވިއެވެ.

މި ހަފްލާގައި ރައީސް ސޯލިހް ވަނީ "ލައިފްޓައިމް އެޗީވްމެންޓް އެވޯޑް" ހޯދި ފަސް ބޭފުޅުންގެ އެވޯޑާއި، "ސްޕޯޓްސް އައިކަން އެވޯޑް" ލިބިލެއްވި އަށް ބޭފުޅުންނާއި، "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ލިބިލެއްވި 16 ބޭފުޅުންނަށްވެސް އެވޯޑް ހަވާލުކޮށްފަ އެވެ.

ކުޅިވަރުގެ ދާއިރާއިންދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ ދިގު މުއްދަތެއް ވަންދެން ކުޅިވަރަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. ސްޕޯޓްސް އައިކަން އެވޯޑަކީ މި އެވޯޑް ހަފްލާއަށް ހާޒިރުވި ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގެ އެތައް ކާމިޔާބީތައް ހޯދައި އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. ސްޕެޝަލް ރިކޮގްނިޝަން އެވޯޑަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އަދި ކުޅިވަރު މެދުވެރިކޮށް މުޖުތަމައަށް ހެޔޮބަދަލު ގެނެސްދިނުމަށް މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް ދޭ އެވޯޑެކެވެ.

ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ލިބުނު ބޭފުޅުން

  • އަލްމަރްހޫމް ސަމަރު ބުލޫ އިބްރާހީމް މަނިކު
  • އަލްމަރްހޫމް އަހްމަދު ރިޒާ (ތަރަބޫޒް ރިޒާ)
  • އަލްމަރްހޫމް އަހްމަދު މަނިކު (ލޯޖެހި އަހްމަދު މަނިކު)
  • އަހްމަދު ވަހީދު (ކްއީން ވަޙީދު)
  • މައްލާ ޅަތުއްތު

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ހަފްލާ އެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑް ތައާރަފްކޮށް ފުރަތަމަ އެވޯޑް ހަފްލާ ބާއްވާފައިވަނީ މިދިޔަ އަހަރު އެވެ.