ހަބަރު

ނިއުޕޯޓާ ޖާފަތް ހަވާލު ކުރީ ރައީސްގެ ނިންމުމެއް ކަމަށް ބުނެ ދޮގު ހަދައިގެން: އޭސީސީ

ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ޖާފަތުގެ މަސައްކަތް ނިއުޕޯޓްއާ ހަވާލުކުރީ، ރައީސުލް ޖުމްހޫރިއްޔާ އެގޮތަށް ނިންމަވާފައިވާފި ކަމަށް ބުނެ ދޮގު ހަދާގެން ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފި އެވެ.

އެސީސީ އިން މިހެން ބުނެފައި ވަނީ މިނިވަން 50 ގައި ރައިސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ޖާފަތުގެ ކޭޓަރިން ކަންތަށް، ނުއިޕޯޓްއާ ހަވާލުކޮށްފައިވަނީ ގަވައިދާތަކާއި ހިލާފަށް ކޮރޮޕްޝަން މަގުފައިވާގޮތަށް ކަމަށް ބުނެ އެކޮމިޝަނުން މިއަދު ނެރުނު ބަޔާނުގަ އެވެ.

ރަސްމީޖާފަތުގެ މަސައްކަތް ނުފޫޒު ފޯރުވައިގެން ބަޔަކާ ހަވާލުކުރި މައްސަލައާއި ގުޅިގެން އޭސީސީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކޭޓަރިންގެ މަސައްކަތް ނިއުޕޯޓަށް ހަވާލުކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުގެ ފިނޭންސް ސެކްޝަނަށް ފޮނުވާފައިވާ ނޯޓުގައި މުންދު ބުނެފައިވީ ނަމަވެސް އެފަދަ ހުއްދައެއް ހޯދައިފާވާކަން އެނގެން ނެތް ކަމަށާއި އަދި ތަހުގީގުގައި ރައީސް ފަރާތުން ހުއްދަ ހޯދައިފާ ނުވާ ކަމަށް މުންދު އިއުތިރާފް ވެފައިވާ ކަމަށެވެ.

އަދި ރަސްމީ ޖާފަތުގެ މަސައްކަތް ހަވާލު ކުރުމުގެ ކުރިން މިމަސައްކަތް ކުރެވޭނެ އިތުރު ދެފަރާތަކާއި މުއާމަލާތުކޮށް އޭގެތެރެއިން އެއް ފަރާތެއް ކޯޓޭޝަން ހުށަހަޅާފައިވީ ނަމަވެސް، އެމަސައްކަތުގެ އަގު ހުށަހެޅުމަށް އެފަރާތްތަކަށް ފުރުސަތު ދީފާނުވާ ކަމަށް އޭސީސީ އިން ބުންޏެވެ.

މިމައްސަލާގެ ތަހުގީގުން ފާހަގަކުރެވުނު ބައެއް ކަންތައް:

1- ނިއުޕޯޓާ ހަވާލުކޮށްފައި ވަނީ އެތަނުގެ ފެންވަރު ނުބަލައި ކަމަށާއި ނިއުޕޯޓަކީ ބޮޑެތި ރަސްމިއްޔާތުތަކަށް ޖާފަތް ތައްޔާރުކުރެވޭ ވަރުގެ ތަޖުރިބާ ހުރި ތަނެއް ނޫވުމެވެ.

2- ރަސްމީ ޖާފަތުގެ ކޭޓަރިންގެ މަސައްކަތް ކުރުމަށް 3.7 މިލިއަން އަށް ނިއުޕޯޓަށް މިމަސައްކަތް ހަވާލުކުރަން ނިންމާފައިވަނީ އޭރު ގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް ކަމަށްވާތީ އެވެ.

3- ޖާފަތުގެ ކަންތައްތައް ކުރުމަށް ނިއުޕޯޓާއި ހަވާލުކުރަން ފެންނަ ކަމަށް އެމަސައްކަތުގެ ކޯޑިނޭޝަން ކޮމިޓީގައި ހުރިހާ ބޭފުޅުން ބުނިކަމަށް މުންދު ބުނެފައިވީ ނަމަވެސް ކޮމިޓީ މެމްބަރުން އެކަމަށް އިންކާރުކޮށްފައި ވުން.

4- އާމުގޮތެއްގައި ކޭޓަރިންގެ އަގުގެ ތެރޭގައި ހިމެނޭކަމަށް ނުބެލެވޭ ބައެއް ކަންތަށްތަށް ނިއުޕޯޓުން ހަދާފައިވާ އެއްބަސްވުމުގައި ހިމަނާފައިވުމާއި އެއްބަސް ވުމުގެ ދަށުން އެ ހަރަދުތަކުގެ ފައިސާ އެފަރާޓްތަށް ރައީސް އޮފީހުން ދައްކަންޖެހޭކަމާއި މިކަންތައްތަކުގައި ހަރަދު ހިމަނާފައިވަނީ ބޮލަކަށް ކަންޑައަޅާފައިވާ އަގުތަކުގެ ތެރޭގައިކަން ފާހަގަކުރެވޭތީ ކަމަށެވެ.

5- ރައީސް އޮފީހުން ބޭނުންވި ފެންވަރަށް ރަސްމީ ޖާފަތުގެ ކަންތައް ނިއުޕޯޓުން ކުރިޔަށް ގެންގޮސްފައިނުވާތީއާއި މިމަސައްކަތުގެ އަގާއި އެކަށީގެންވާ ފެންވަރުގެ ހިދުމަތެއް ލިބިފައިނުވާކަމަށް މިމައްސަލައާއި ގުޅޭބަޔާނުގައި ރައީސް އޮފީހުން ބުނެފައިވާ ކަމެވެ.

"...އެހެން ކަމުން މިނިވަން 50 ގެ ރިޔާސީ ޖާފަތުގެ ކޭޓަރިން ގެ މަސައްކަތް ހަވާލުކޮށްފައިވަނީ މުންދުގެ އޭރުގެ މަގާމުގެ ނުފޫޒު ބޭނުންކޮގެން ވަކި ބަޔަކަށް ނާޖާއިޒް މަންފާ ލިބޭގޮތަށް ކަމަށްވާތީ، ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާ ކަން ސާބިތުވާ މިންވަރަށް ހެއްކާއި ގަރާރު ހުރުމުން މުންދުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކުޓާ ޖެނެރަލް އޮފީހަށް ވާނީ ފޮނުވާފައެވެ،" އެ ބަޔާނުގައި ބުނެއެވެ.

ޖުލައި 26 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖާފަތަށް 800 އެއްހައި މީހުންނަށް ދައުވަތު ދިން އިރު، ރާއްޖެއިން ބޭރުގެ ބޮޑެތި އިއްޒަތްތެރިން ވެސް ވަނީ ޖާފަތުގައި ބައިވެރިވެ ވަޑައިގަންނަވާފަ އެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.