ރައީސް މުހައްމަދު ނަޝީދު

ކަރަންޓް ނެތުމުން ނަޝީދުގެ ޕްރެސް ކެންސަލް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޕްރެސްކޮންފަރެންސް ކެންސަލް ވެއްޖެ އެވެ

މަޖިލީހުގެ އިދާރާއިން ބުނީ ޕްރެސް ކެންސަލް ކުރަން ޖެހުނީ އެ އިދާރާގައި ކަރަންޓް ނެތުމުން ކަމަށެވެ.

ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި އޮތީ މިއަދު މެންދުރުފަހު 1:30 ގައެވެ. ނަމަވެސް ޕްރެސް ކެންސަލް ވުމާ ގުޅިގެން ދެން ޕްރެސް ބާއްވާނެ ވަކި ދުވަހެއް މަޖިލީހުގެ އިދާރާއިން އަދި ބުނެފައެއް ނުވެ އެވެ.

ހައެއް ފަހެއްގެ ހަމަލާއަށް ފަހު ލިބުނު އަނިޔާތަކަށް ފަރުވާ ހޯދެއްވުމަށް ބޭރަށް ވަޑައިގެން ފަސް މަސް ދުވަހު ހުންނެވުމަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ އިއްޔެ މެންދުރުފަހު އެވެ.

ރައީސް ނަޝީދުގެ ރިޔާސަތުގައި މަޖިލީހުގެ ޖަލްސާ މިއަދު ފެށުމާއެކު ވާހަކަދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނެވި ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތައް މެދުނުކެނޑި ކުރިއަށް ގެންދިއުކަމަށްޓަކައި މަޖިލީހުގެ ނައިބު ރައީސާއި، މެންބަރުންނާއި، މަޖިލީހުގެ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަކުރައްވާފަ އެވެ.