ފާރިސް މައުމޫން

މަޖިލީސް އިންތިހާބުން ބަލިވީ އެކަށީގެންވާ މަސައްކަތް ނުކުރެވުމުން: ފާރިސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ނާކާމިޔާބުވީ އެކަށީގެންވާ މަސައްކަތް ނުކުރެވުމުން ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރަައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ފާރިސް މިހެން ވިދާޅުވީ އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިއީ މި ފަހުން މިފަދަ ޕްރަގްރާމެއްގައި ފާރިސް ބައިވެރިވެވަޑައިގެން ފުރަތަމަ ފަހަރެވެ. އަދި 2019 ގެ މަޖިލީސް އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރުވެސް މެއެވެ.

ފާރިސް ވިދާޅުވީ އޭނާ ކުރީން ފުުރުއްވި ދިއްގަރު ދާއިރާގެ ގޮޑިއަށް އަލުން ވާދަ ނުކުރެއްވީ ލިބިވަޑައިގެން މުއްދަތުގައި އެ ދާއިރާއަށް އެކަށީގެންވާ ހިދުމަތެއް ކުރެވިފައިވާ ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ. އަދި ދެން އިންތިހާބު ވީނަމަވެސް އެ ދާއިރާއަށް އެކަށީގެންވާ ހިދުމަތްތަކެއް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ. މަޖިލީސް އިންތިހާބުގައި ވާދަކުރައްވަން މައްޗަށް ގޮޅީ އުތުރު ދާއިރާ ހިޔާލު ކުރީ އުފަން ދާއިރާއަށް ހިދުމަތް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާތީ ކަމަށްވެސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އޭނާ އިންތިހާބުވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކަން އޮތް އަދި ތާއީދު ބޮޑު ބައެއް ދާއިރާތަކުންވެސް ފުރުސަތު ލިބިވަޑައިގެން ކަމަށާ ނަމަވެސް އޭނާގެ މަގުސަދަކީ ވަދެވުނު ގޮތަކަށް މަޖިލީހަށް ވަނުން ނޫން ކަމަށެވެ.

"އަޅުގަނޑުގެ އޮތީ ކޮންމެހެންވެސް ހަދާފައި މަޖިލީހަށް ވަނުމެއް ނޫން،"

އިންތިހާބުން ކާމިޔާބު ލިބިވަޑައިނުގަތީ އޭނާ ނިސްބަތްވެވަޑައިގަންނަވާ މި ސަރުކާރު ކޯލިޝަނާއި ސަރުކާރުގެ ވެރިންގެ ފުރިހަމަ ތާއީދު ނުލިބިގެންތޯ ދެންނެވުމުން ފާރިސް ވިދާޅުވީ އިންތިހާބު ނުވީ ކޯލިޝަންގެ އެހީ އާއި ރައީސްގެ އެހީތެރިކަން ނުލިބިގެން ނޫން ކަމަށެވެ. އަދި ކެންޕެއިންގައި އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ކުރެއްވުނު ނަމަ އިންތިހާބު ވީސް ކަމަށް ވިދާޅުވިއެވެ.

"ވަރަށް ކުރުކޮށް ދަންނަވާފާނަން އަޅުގަނޑު އިންތިހާބު ނުވީ ކީއްވެކަން. އެއީ އަޅުގަނޑު ކުރެވުނު މަސައްކަތް އެކަށީގެންވާ ވަރަށް ނުކުރެވުނީ،" ފާރިސް ވިދާޅުވިއެވެ.

ވަރަށް ކުރުކޮށް ދަންނަވާފާނަން އަޅުގަނޑު އިންތިހާބު ނުވީ ކީއްވެކަން. އެއީ އަޅުގަނޑު ކުރެވުނު މަސައްކަތް އެކަށީގެންވާ ވަރަށް ނުކުރެވުނީ
އަހުމަދު ފާރިސް މައުމޫން | އެމްއާރްއެމްްގެ ރައީސް

ސަރުކާރުގެ ސިޔާސީ މަގާމަކުން ފެންނާނެތޯ ސުވާލު ކުރުމުން އެފަދަ ވިސްނުމެއް އެއްވެސް އިރަކު ނުގެންގުޅުއްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމުން އެދިލެއްވިނަމަ އެކަށީގެންވާ ވަޒީފާއެއް ލިބިވަޑަައިގަތީސް ކަމަށާ ނަމަވެސް ސަރުކާރުގެ މަގާމަކަށް ވަޑައިނުގަތުމަށް ނިންމެވީ އަމިއްލައަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާވެސް އެފަދަ މަގާމަކަށް ވަޑައިގަތުމުގެ ވިސްނުން ނެތް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަން އަޅުގަނޑު ދެންނެވިނަމަ [މަގާމަކަށް] ލިބުނީސްކަން، ކޮންމެ ކަމެއް ނޫން. އެހެން ނަމަވެސް އެކަށީގެންވާ ކޮންމެވެސް ކަމެއް ލިބުނީސް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެެހެންވީމަ އިތުުރު އެހެން ފަރާތަކާއި ހެދިއެއް ނޫން އަޅުގަނޑު މަގާމަކަށް ނުދިޔައީއެއް. އެއީ އަޅުގަނޑުގެ އަމިއްލަ ޑިޒިޝަނެއް،"

ފާރިސް ވިދާޅުވީ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އެމްއާރްއެމް ކުރިއެރުވުން ކަމަށެވެ. ވަކިން ހާއްސަކޮށް ސިޔާސީ ކަންކަމަކީ ރީތިކޮށް ކުރެވޭނެ މަސައްކަތެއްކަން އެ މަސައްކަތާއި ދުރުގައި ތިބި ރައްޔިތުންނަށް އަންގައިދޭން ބޭނުންވާ ކަމަށެވެ.