ފާރިސް މައުމޫން

"ރައީސް ސޯލިހަކީ އިހުލާސްތެރި ވެރިއެއް"

ރާއްޖެއަށް ގެންނަން ވައުދުވެވަޑައިގެންނެވި އިސްލާހީ ބަދަލުތައް ގެނައުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވަނީ އިހުލާސްތެރިކަމާއެކީ ކަމަށް ވިދާޅުވެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް ފާރިސް މައުމޫން، ރައީސް ސޯލިހަށް ތައުރީފު ކުރައްވައިފި އެވެ.

އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމްގައި ވާހަކަ ދައްކަވަމުން ފާރިސް މައުމޫން ވިދާޅުވީ އެމްއާރްއެމް ދެމި އޮންނާނީ ސަރުކާރާއެކު ކަމަށާ ފަސް އަހަރު އެކުގައި ތިބުމަށް ވެފައިވާ ވައުދާ އެއްގޮތަށް އެ ޕާޓީ ދެމި އޮންނާނީ ސަރުކާރުގައި ކަމަށެވެ.

އެމްއާރްއެމްއިން ބޭނުންވެއްޖެ ކޮންމެ ވަގުތަކު ރައީސް ސޯލިހާއި ބައްދަލު ކުރެވޭ ކަމަށާ ކަންބޮޑުވުންތައް ރައީސާ ހިއްސާ ކުރުމުގެ ފުރުސަތުވެސް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އިސްލާހީ ބަދަލުތައް ގެނައުމުގައި ރައީސް އިހުލާސްތެރި ކަމަށް ވިދާޅުވިއެވެ.

"އެހެން ބައެއް ސިޔާސީ ބޭފުޅުން އެހެން ގޮތްގޮތަށް މަސައްކަތް ކުރިނަމަވެސް އަޅުގަނޑު ގަބޫލުކުރަން އަޅުގަނޑު ޕާޓީންވެސް ގަބޫލު ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އިސްލާހުތައް ގެންނަން އިހުލާސްތެރިކަމާއެކީ މަސައްކަތް ކުރައްވާ ބޭފުޅެއް،"

ފާރިސް ވިދާޅުވީ ކޯލިޝަނުން ނިކުންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ކޯލިޝަނުން ނިކުމެ އެހެން ބަޔަކާއެކު ކުރާނީ ކޮން ކަމެއްތޯ ސުވާލު ކުރެއްވިއެވެ. ފާރިސް ވިދާޅުވީ އެމްއާރްއެމް އޮތީ ސިޔާސީ އެޖެންޑާއެއް ހިފައިގެން ނިކުމެ ނޫން ކަމަށާ ބޭނުންވަނީ ރާއްޖެ އިސްލާހުގެ މަގަށް ގެނައުން ކަމަށެވެ. އެ މަސައްކަތް ރައީސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަރުކާރު ކޯލިޝަންތެރޭގައި ތިބެން އެބަ މަސައްކަތް ކުރަން. ރައްޔިތުންގެ ކަންބޮޑުވުން އަންނަ ކޮންމެ ކަމެއްގައި އަޅުގަނޑުމެންވެސް މަސައްކަތް ކުރަން އެއަށްވުރެ ރަނގަޅު ކުރެވޭތޯ ބަލަން. އެހެންވީމަ އަޅުގަނޑަށް މިކަންކަން އޮންނަ ގޮތް ވަރަށް ސާފު. އަޅުގަނޑުމެން ސަރުކާރު ކޯލިޝަން ވަކިވެގެން ކުރެވޭނީ ކޮން ކަމެއްތޯ. ކޮން އިތުރު ކަމެއްތޯ ކުރެވޭނީ. މިހާރު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ބަސް އެބަ އިއްވޭ. އަދި ސަރުކާރުގެ ބައެއް ކީ [މުހިންމު] ދާއިރާތަކުގައި އަޅުގަނޑުމެންގެ ބައެއް ވަޒީރުންގެ އެބަތިއްބެވި. ސިޔާސީ މަގާމުތަކުގައިވެސް އެބަތިބި. ކުންފުނިތަކުގެ އެމްޑީންވެސް އެބަތިބި. އެހެންވީމަ ސަރުކާރުގެ ތެރެއިން މިހާރުވެސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަންކަން އެބަހުރި ނިކުމެން ކުރުމަށްވުރެ. އަޅުގަނޑުމެން މި އުޅެނީ އަމިއްލަ އެޖެންޑާއެއް ހިންގާކަށް ނޫން މިތާންގައެއް،" ފާރިސް ވިދާޅުވިއެވެ.

އެހެން ބައެއް ސިޔާސީ ބޭފުޅުން އެހެން ގޮތްގޮތަށް މަސައްކަތް ކުރިނަމަވެސް އަޅުގަނޑު ގަބޫލުކުރަން އަޅުގަނޑު ޕާޓީންވެސް ގަބޫލު ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އިސްލާހުތައް ގެންނަން އިހުލާސްތެރިކަމާއެކީ މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް
ފާރިސް މައުމޫން | އެމްއާރްއެމްގެ ރައީސް

ވެރިކަމަށް އައުމަށް ވެފައިވާ ބައެއް ވައުދުތައް ފުއްދުން ފަސްވަމުންދާ ކަމަށް ބައެއް ރައްޔިތުން ބުނާ ބުނުމާއި ގުޅޭގޮތުންވެސް ފާރިސް ވާހަކަ ދެއްކެވިއެވެ. ފާރިސް ވިދާޅުވީ ސަރުކާރެއް ޖަޖު ކުރަންވާނީ ފަސް އަހަރުގެ ނަތީޖާއަށް ބަލައިގެން ކަމަށެވެ. އަދި ސަރުކާރެއް އަންނަނީ ފަސް އަހަރުގެ އެޖެންޑާއެއް ހިފައިން ކަމަށް ވިދާޅުވިއެވެ.

ބައެއްކަންކަން ކުރުން ފަސްވެފައިވާ ކަމަށް ބައެއް ރައްޔިތުން ދެކޭކަން ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ބައެއް ކަންތައްތައް އެކަށީގެންވާ ވަރަށްވުރެ ލަހުން ހިނގާ ކަމަށް ނޫނިއްޔާ ބައެއް ކަންކަމުގައި އެންމެ އެދެވޭ ގޮތަށް ނޫންކަންކަން ނުދާކަމަށް ރައްޔިތުން ދެކޭ ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން. އެހެން ނަމަވެސް ކޮންމެ ފަހަރަކުވެސް އަޅުގަނޑަށް އެއް ފިޔަވަޅު ފަހަތަށް ޖެހިލާ ބަލާލަން ޖެހެނީ 2018 ގައި އަޅުގަނޑު މި ސަރުކާރު ނުގެނައިނަމަ ދެން ތިބޭނެ ހާލަތާމެދު. އެއީ އަޅުގަނޑުމެންނަށް މިއަދު ފެންނަން ނެތް ހާލަތެއް. އެހެން ނަމަވެސް އޭރު ދިޔަ މިސްރާބާއި އޭރު ހިނގަމުންދިޔަ މަގު ދެން ގޮސް ޖެހެނީ ކޮންތަނަކުކަން ސިފަކޮށްލަން އެނގޭ އަޅުގަނޑަށް ގައިމުވެސް،" ފާރިސް ވިދާޅުވިއެވެ.