ދުނިޔެ

އަހަރެންގެ ފޮތް ހިބްރޫ ބަހަށް ތަރުޖަމާ ނުކުރާނަން: ސެލީ ރޫނީ

އަޔަލޭންޑަށް އުފަން ސެލީ ރޫނީ 30، ލިޔުނު ވާހަކަ ފޮތް 'ބިއުޓިފުލް ވޯލްޑް، ވެއާ އާ ޔޫ' ހިބްރޫ ބަހަށް ތަރުޖަމާކުރަން އޭނާ ދެކޮޅު ހަދައިފި އެވެ. ހިބްރޫ އަކީ އިޒްރޭލު މީހުން ވާހަކަދައްކާ ބަހުރުވަ އެވެ.

ސެލީ ރޫނީ އަކީ މަޝްހޫރު ވާހަކަ ލިޔުންތެރި އެކެވެ. އޭނާ ލިޔުނު 'ނޯމަލް ޕީޕަލް' އަށް 2018 ގައި 'ބުކާ ޕްރައިޒް' ލިބިފައި ވެއެެވެ. މި ފޮތަށް ލިބުނު ތަރުހީބެއްގެ ބޮޑުކަމުން ޓީވީ ސީރީޒަކަށް ވަނީ ހަދާފަ އެވެ.

ސެލީ ރޫނީއާ މެދު ބުނެވެނީ އޭނާއަކީ ފަލަސްތީނަށް ވަރަށް ބޮޑަށް ސަޕޯޓްކުރާ މީހެއް ކަމަށެވެ. އިޒްރޭލު މީހުން ވާހަކަދައްކަ ހިބްރޫ ބަހަށް އޭނާގެ ވާހަކަ ފޮތް ތަރުޖަމާކުރަން ބޭނުން ނުވާ ސަބަބެއް ކަމަށް ބުނީ އިޒްރޭލުން ފަލަސްތީން މީހުންނަށް އިހާނެތިކޮށް ހިތާތީ ކަމަށެވެ.

ސެލީއަށް އިނާމު ލިބުނު ނޯމަލް ޕީޕަލް 46 ބަހަކަށް ތަރުޖަމާކުރި އެވެ. އޭގެ ތެރޭގައި ހިބްރޫ ވެސް ހިމެނެ އެވެ. އެހެން ނަމަވެސް އޭނާ އެންމެ ފަހުން ޝާއިއުކުރި ފޮތް ހިބްރޫ ބަހަށް ތަރުޖަމާ ނުކުރަން ނިންމި އަނެއް ސަބަބަކީ 'ބޮއިކޮޓް ޑިވެސްޓްމެންޓް، ސޭންކްޝަން' ހަރަކާތަށް އޭނާ ސަޕޯޓްކުރާތީ އެވެ.

'ބޮއިކޮޓް ޑިވެސްޓްމެންޓް، ސޭންކްޝަން' ހަރަކާތަކީ ފަލަސްތީނަށް ތާއީދު އޮންނަ ގުރޫޕަކުން، އިޒްރޭލް ބޮއިކޮޓްކުރަން ގޮވާލައި ހިންގާ ހަރަކާތެވެ.

އިޒްރޭލުން ޖަހައިގެންފައި އޮތް ފަލަސްތީން ބިންތަކުގައި އައިސްކްރީމް ވިއްކުން ބެން އެންޑް ޖެރީ ހުއްޓާލީ ވެސް މި ހަރަކާތައް ސަޕޯޓްކުރާތީ ކަމަށް ބުނެވެ އެވެ.

ބިއުޓިފުލް ވޯލްޑް ވެއާ އާ ޔޫ، ހިބްރޫއަށް ތަރުޖަމާކުރަން އިޒްރޭލު ކުންފުންޏަކުން ބޮޑު އަގެއް ހުށަހެޅުމުން ސެލީ ރޫނީ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނި ކަމަށް ވަނީ އިޒްރޭލަށް ސީދާ ފައިދާވާ ގޮތަށް އެއްވެސް ކަމެއް އޭނާއަށް މިވަގުތު ކޮށްދެވެން ނެތް ކަމަށެވެ.

ސެލީ ބުނީ އޭނާގެ ސަޕޯޓް އޮންނަ 'ބޮއިކޮޓް ޑިވެސްޓްމެންޓް، ސޭންކްޝަން' ހަރަކާތުން ވަކި ގޮތެއް ނިންމައި ތަރުޖަމާކުރަން ފެެންނަ ކަމަށް ބުނެފި ނަމަ އެކަން ވާނި ވަރަށް ބޮޑު އުފަލަކަށް ކަމަށެވެ.

ދުނިޔޭގެ ހާލަތު އަދު އޮތް ގޮތުން އަދި ވަރަށް ސީދާކޮށް އިޒްރޭލަށް ދެކޮޅު ހެދުމަކީ ސެލީއަށް އަދި އޭނާ ކުރާ މަސައްކަތްތަކަށް އޮތް ބޮޑު ނުރައްކަލަކަށް ވެދާނެ ކަމަށް ދުރުވިސްނޭ މީހުން ޓްވީޓާގައި އެބަ ބުނެ އެވެ.