އިންގްލެންޑްގެ ތާންހަމްގެ ޑެޓްލިންގް އަވަށް ދެ ކަމަކުން ވަރަށް ބޮޑަށް މަޝްހޫރުވެފައި ވެއެވެ. އެއް ކަމަކީ މި އަވަށުގެ މީހުންގެ އުމުރު (ލައިފް އެކްސްޕެކްޓެންސީ) ފާހަގަކޮށްލެވޭ ވަރަށް މަތިވުމެވެ. ދެވަނަ ކަމަކީ ފިރިހެނުންނަށް ވުރެ އަންހެނުން މާ ގިނަ ކަމެވެ.
އިނގިރޭސިވިލާތުގެ ނޫހެއްގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި އަވަށުގެ އަންހެނުންގެ އެވްރެޖް އުމުރަކީ 95 އަހަރެވެ. އިނގިރޭސި ވިލާތުގެ މީހުންގެ އެވްރެޖް ލައިފް އެކްސްޕެކްޓެންސީ އަކީ 83 އަހަރެވެ. އެހެންކަމުން މި އަވަށުގެ މީހުން އުޅެނީ މުޅި ގައުމުގެ އެވްރެޖަށް ވުރެ 12 އަހަރު ކުރީގަ އެވެ.
މި އަވަށުގެ ފިރިހެނުންގެ އެވްރެޖް އުމުރު އުޅެނީ 86 އަހަރުގަ އެވެ. އެއީ މި އަވަށުގެ އަންހެނުންނާ ބަލާއިރު ނުވަ އަހަރު ދަށް އަދަދެކެވެ. މި އަވަށުގައި ފިރިހެނުންނަށް ވުރެ އަންހެނުން ގިނައީ އެހެންވެ އެވެ.
މި އަވަށުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މުޅިން މަނަލެވެ. ގޭތެރޭގައި ވެސް ގޭން ބޭރުގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މުޅިން މަނާ ކަމެކެވެ. މި އަވަށުގެ މީހުން ސިއްހަތު ސަލާމަތުން ތިބުމަށް ދޭ ސަމާލުކަމާއި އެކަމަށް ހޭލުންތެރިވެފައި ހުރި މިންވަރުން މީގެ ހަތް އަހަރު ކުރިއްސުރެ އަވަށުގައި އެއްވެސް ގޮތަކަށް ދުންފަތުގެ އިސްތިއުމާލު ކުރުން އޮތީ މަނާ ކޮށްފަ އެވެ. މިއީ ބޭރު ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން އިނގިރޭސި ވިލާތުގައި މަނާކުރުމުގެ މާ ކުރިއްސުރެ އެ އަވަށުގެ މީހުން އަމިއްލައަށް ކޮށްފައިވާ ކަމެކެވެ.
މި އަވަށުގައި އުޅޭ 800 ވަރަކަށް މީހުން ހިމެނެނީ އިނގިރޭސި ވިލާތުގައި މި ވަގުތު ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ މީހުންގެ ތެރޭގަ އެވެ.
އަވަށުގެ މީހުން ސިއްހަތަށް ދޭ ސަމާލުކަން ނިމެނީ ހަމައެކަނި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަކުން ނޫނެވެ. އެމީހުން ކައިބޮއި އުޅޭ އެއްޗިއްސަށް ވެސް އެމީހުން ވަރަށް ފަރުވާތެރިވެ އެވެ. މި އަވަށުގައި އުޅެނީ ޖުމްލަ އަށް ޑޮކްޓަރުންނެވެ. އެއީ ކޮންމެ 100 މީހަކަށް ޑޮކްޓަރެކެވެ.
މި އަވަށުގެ މީހުންގެ އުމުރު ދިގުވުމުގެ އެންމެ ބޮޑު ސިއްރަކީ ސިއްހީ ފަރުވާގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ވުމެވެ. އަދި ކައިރީގައި އޮންނަ ކޯރަކުން ލިބޭ ސާފު ބޯފެނެވެ.
މި އަވަށުގައި ދިރިއުޅޭ އައިރީން ނޮބްސް އަށް މިހާރު 102 އަހަރެވެ. އޭނާ ދިރިއުޅެނީ ނާސިން ހޯމެއްގަ އެވެ. އައިރީން އަކީ ކުރިން ހެއާ ޑްރެސާއެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ.
އޭނާގެ އުމުރު ދިގުވުމުގެ ސިއްރެއް ކަމަށް އައިރީން ގަބޫލުކުރަނީ ބިޒީ ދިރިއުޅުމެއް އުޅޭތީ އެވެ. އޭނާ ބުނި ގޮތުގައި އެ އަވަށުގެ މީހުންގެ އެވްރެޖް އުމުރު އެހާ ދިގީ އެ އަވަށް އޮންނަނީ ފަރުބައެއްގެ މަތީގައި ކަމަށް ވާތީ ސާފު ވައި ލިބުމާއި ސާފު ބޯފެން ލިބޭތީ ކަމަށެވެ.