ލައިފްސްޓައިލް

މީހަކު ރޯ މަސް ކާތާ ތިން އަހަރު!

އެމެރިކާގެ ނެބްރެސްކާގެ މީހަކު ފާއިތުވީ ތިން އަހަރު ދުވަހުގެ ތެރޭގައި ދިރިއުޅެފައި ވަނީ ހުސް ރޯމަސް ކައިގެނެވެ. އުމުރުން 39 އަހަރުގެ ވެސްޓޮން ރޯވޭ ބުނި ގޮތުގައި އޭނާގެ މި ކެއުމުގެ ސަބަބަން ހަށިގަނޑުގައި އާދަޔާ ހިލާފަށް ހަކަތަ ހުރެ އެވެ. އަދި ފާއިތުވީ ތިން އަހަރު ތެރޭގައި އޭނާއަށް އެއްވެސް ކަހަލަ ބައްޔެއް ނުޖެހެ އެވެ.

އިނގިރޭސި ވިލާތުގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ވެސްޓޮން ބުނީ ފާއިތުވީ ތިން އަހަރު ތެރޭ އޭނާ ކެއި އެއްޗެތީގެ ތެރެއިން 99 ޕަސެންޓަކީ ފާމްތަކުން ގެންނަ ތާޒާ ރޯ މަސް ކަމަށެވެ. އަދި މި ކެއުން ކައިގެން އޭނާ އެންމެ ފަހަރަކު ވެސް ބަލިވެފައި ނުވާ ކަމަށެވެ.

"އަހަރެން މިހާރު އެއްގޮތަކަށް ވެސް ޕްރޮސެސްކޮށްފައި ހުންނަ ކާނާއެއް ނުކަން. ތެދު ތެދަށް ބުނާނަމަ ބުނެވޭނީ އަހަރެން މިހާރު އެ ކަހަލަ އެއްޗެތި ކާހިތެއް ވެސް ނުވެޔޭ. އަހަރެން ކާން ބޭނުންވާ ރޯ މަސް ގަންނަނީ އެ ފަދަ އެއްޗެތި ގެންގުޅޭ މީހުންގެ އަތުން ތާޒާކޮށް ހުއްޓާ. އަދި އަހަރެން ކަނީ ގޭގައި އަމިއްލައަށް ހައްދާ މޭވާ،" ވެސްޓޮން ބުންޏެވެ.

މި ކެއުން ކާން ފެށުނު ގޮތް ކިޔައިދެމުން ވެސްޓޮން ބުނީ އޭނާއަކީ އުމުރުން 20ގެ އަހަރު ތަކުގައި ވެސް ވަރަށް ފައިދާ ހުރި ކެއުން ކާން ސަމާލުކަން ދޭ މީހެއް ކަމަށެވެ.

"އަހަރެންނަށް ހަމުގެ ތަފާތު ބަލިތަކާއި ވަރުބަލިވުމާއި އަދި ސިކުނޑިއަށް ވެސް އުނދަގޫތަކެއް ދިމާވާން ފެށުމުން ކެއުމަށް ބަދަލު ގެންނަން ޖެހޭކަން އިހްސާސް ކުރެވުނު. ނަމަވެސް އަހަރެންގެ ކެއުން ރޯ މަހަށް މުޅިން ބަދަލު ކޮށްލެވުނީ އުމުރުން 35 އަހަރުގައި. އޭގެ ފަހުން އަހަރެން އެއްގޮތަކަށް ވެސް ކައްކާފައި ހުންނަ މަހެއް ނުކަން،" ވެސްޓޮން ބުންޏެވެ.

އޭނާގެ ކެއުން ރާވާފައި އޮންނަ ގޮތް ކިޔައިދެމުން ނިއު ޔޯކް ޕޯސްޓަށް ދިން އިންޓަވިއު އެއްގައި ވެސްޓޮން ބުނީ މެންދުރުގެ ކެއުމަކީ އޭނާގެ އެ ދުވަހެއްގެ އެންމެ ބޮޑު ކެއުން ކަމަށެވެ. މެންދުރު ކެއުމެއްގެ ގޮތުގައި އޭނާ ކަނީ އެއް ޕައުންޑް ރޯމަހާއި ބައި ޕައުންޑް ރޯ، ލޮނު ނާޅާ ބަޓަރާއި، 3-4 ރޯ ބިސް ކަމަށެވެ. އޭގެ އިތުރުން މޭވާގެ ކޮންމެވެސް ބާވަތެއްގެ އެތިކޮޅެއް ކާލާ ކަމަށެވެ. ރޭގަނޑު ކެއުމެއްގެ ގޮތުގައި މި އެއްޗެތީގެ އިތުރުން ފެނު ކައްކާފައިވާ އަލުއްވެއް ވެސްޓޮން ކައެވެ.

ކުކުޅު ރޯ ނުފިލުވާ ކެއުމަކި ސަލްމޮނެލާ އިންފެކްޝަނެއް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމެކެވެ. ނަމަވެސް ވެސްޓޮން އެއް މިކަމާ ހާހެއް ނުވެ އެވެ.