ބޮލީވުޑް

ޝާހް ރުކާހެދި އޭނާއާ ވައްތަރު މީހާއަށް ގެއްލުން

ޝާހް ރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާން މަސްތުވާ ތަކެތީގެ މައްސަލައެއްގައި ކުރެވޭ ތުހުމަތެއްގައި މިހާރު ޖަލުގައި ހައްޔަރު ކޮށްފައިވާއިރު އެ އާއިލާއަށް ވަނީ ވަރަށް ބޮޑު ހިތާމައަކާއި ހިތްދަތި ކަމެއް ކުރިމަތިވެފަ އެވެ.

މި ދަނޑިވަޅުގައި އިންޑަސްޓްރީގެ ގިނަ ބަޔަކު ޝާހް ރުކަށް ތާއީދު ކުރާކަން ހާމަ ކުރަމުން ދިޔަ ނަމަވެސް މަދުން ނަމަވެސް ޝާހް ރުކް އާ ދެކޮޅަށް މީހުން މަސައްކަތް ކުރާ ތަން ވެސް ފެންނަމުން ދެ އެވެ. އަދި އޭނާގެ ބްރޭންޑް އިމޭޖެއް ބޮޑެތި ގެއްލުންތައް ވަމުންދާތަކަން ވެސް ފާހަގަ ކުރެވެ އެވެ. އެގޮތުން ޝާހް ރުކް ކުޅޭ ބައިޖޫ އިޝްތިހާރެއް ވަގުތީ ގޮތުން ދެއްކުން މަނާ ކޮށްފައިވެ އެވެ. އެއީ މި އިޝްތިހާރު ދައްކާތީ ހިތްހަމަ ނުޖެހިގެން ބަޔަކު ސޯޝަލް މީޑިއާގައި އަޑު އުފުލުމުންނެވެ.

މިކަމާ ވެސް އިންޑަސްޓްރީގެ މީހުން ޝާހް ރުކް އަށް ތާއީދުކޮށް ވާހަކަ ދައްކާފައި ވެއެވެ. އެހެން ނަމަވެސް ޝާހް ރުކް ހަރަކާތްތެރިވާ ބައެއް އިޝްތިހާރުތައް މި ދުވަސްކޮޅު ދައްކަން ބައެއް ބްރޭންޑް ތަކުން ޖެހިލުން ވެފައިވާކަން އެއީ ހަގީގަތެކެވެ.

ޝާހް ރުކްގެ ދަރިފުޅު ހައްޔަރު ކުރުމުން ގެއްލުން ލިބެނީ ހަމައެކަނި ޝާހް ރުކް އަކަށް ނޫނެވެ. އޭނާއާ ވައްތަރު ކަމުން މަޝްހޫރުކަން ލިބުނު ރާޖޫ ރަހިކްވަރް ކިޔާ މީހަކަށް ވެސް މީގެ ގެއްލުން ލިބެމުންދާ ކަމަށް ބުނެފައި ވެއެވެ. އަދި ރާޖޫގެ ބައެއް ޕްރޮޖެކްޓްތައް އޭނާއަށް ގެއްލެމުންދާ ކަމަށް ރާޖޫ ބުނެ އެވެ.

ރާޖޫ ބުނި ގޮތުގައި ކޮވިޑް-19 އިގެ ސަބަބުން ވެސް އޭނާއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވިއެވެ. އަދި އެކަމުގެ ގޮންޖެހުންތަކުން އަރައި ނުގަނެވި އުޅެނިކޮށް ޝާހް ރުކް އަށް ދިމާވި މައްސަލަ އާ ހެދި އޭނާ ބައިވެރިވާން ހަމަޖެހިފައިވާ ބައެއް އިވެންޓްތަކުން އެ އިވެންޓްތަކުގެ އޯގަނައިޒަރުން އޭނާ ވަކިކުރަން ފަށާފައިވާ ކަމަށް ރާޖޫ ބުންޏެވެ.

"ކޮރޯނާވައިރަހާ ހެދި ދޮޅު އަހަރެއްހާ ދުވަހު އެއްވެސް މަސައްކަތެއް ނެތިފައި ހުންނަން ޖެހުނު. ޕެންޑެމިކް މައިތިރިވެ އަލުން މަސައްކަތް ލިބެން ފެށިތަނާ މިކަމެއް ދިމާވީ. އޮކްޓޯބަރު 10 ވަނަ ދުވަހު ޖައިޕޫރުގައި އޮތް އުފަން ދުވަހުގެ ޕާޓީއެއްގައި ވެސް އަހަރެން ބައިވެރިވާ ގޮތަށް ކުރިން އޮތީ ހަމަޖެހިފަ. އަދި އޭގެ ހަފުތާއެއް ފަހުން އޮންނަ އެއްވުމެއްގައި ވެސް ބައިވެރިވުމުގެ ފުރުސަތު އަހަންނަށް އޮތީ ލިބިފަ. ނަމަވެސް މި ދެ އިވެންޓު ވެސް މިހާރު ކެންސަލްކޮށްލައިފި. އޮގަނައިޒަރުން އަހަރެން ކައިރީގައި ބުނީ ޝާހް ރުކް އާ ވައްތަރުގެ މީހަކު ވެސް މި ދުވަސްވަރު ދެކެން މީހުން އެހާ ބޭނުމެއް ނުވެޔޭ،" ރާޖޫ ބުންޏެވެ.

ރާޖޫ އަށް އިވެންޓްތަކުގައި ބައިވެރިވާން ފުރުސަތު ލިބެނީ ޝާހް ރުކް އާ ވައްތަރު ވީމަ އެވެ. ނަމަވެސް މިހާރު މިވީ ގޮތުން އެ ވައްތަރުވުން ވެސް ރާޖޫ އަށް ވެފައިވަނީ މައްސަލައަކަށެވެ.

ރާޖޫ އުންމީދު ކުރަނީ ޝާހް ރުކްގެ ދަރިފުޅު ސަލާމަތްވެ އަދި ޝާހް ރުކްގެ ހިތާމަވެރި ދުވަސްތަކަކަށް ވަރަށް އަވަހަށް ނިމުން އަންނާނެ ކަމަށެވެ. އަދި އޭރުން އޭނާއަށް އަނެއްކާވެސް އިވެންޓުތަކުގައި ބައިވެރިވާން ލިބޭނެ ކަމަށެވެ.