ބޮލީވުޑް

ޕާން މަސާލާ އިޝްތިހާރު ނުކުޅެން އަމީތާބު ނިންމައިފި

ދުންފަތް އަޅައިގެން ތައްޔާރު ކޮށްފައި ހުންނަ ޕާން މަސާލާގެ އިޝްތިހާރު ކުޅެދޭން އަމީތާބު ބައްޗަން ދެކޮޅު ހަދައިފި އެވެ. މިއީ އަމީތާބުގެ 79 ވަނަ އުފަން ދުވަހު އޭނާ ނިންމި ނިންމުމެކެވެ.

އަމީތާބު މީގެ ކުރިން މި ބްރޭންޑް އިޝްތިހާރު ކޮށްދިން ނަމަވެސް ކޮންޓްރެކްޓް ކެންސަލްކޮށް އަމީތާބު ވަނީ މި ބްރޭންޑް ޕްރޮމޯޓް ކޮށްދޭން ލިބިފައިވާ ފީ ވެސް އަނބުރާ ރައްދު ކޮށްފަ އެވެ.

ޕާން މަސާލާ އަކީ ދުންފަތުން ތައްޔާރުކޮށްފައި ހުންނަ އެއްޗެކެވެ. ފޯކާއި ބިލެތާއި އެ ނޫންވެސް ތަކެތި އެކުލެވޭ އެއްޗެއްގެ ގޮތުގައި އިޝްތިހާރުކޮށް މީހުނަށް މި ތަކެތި ވިއްކަނީ އެވެ.

އަމީތާބު މި ބްރޭންޑްގެ އިޝްތިހާރުގެ ކޮންޓްރެކްޓް ކެންސަލް ކުރިއިރު އޭނާ ކުޅެފައިވާ ކަމަލާ ޕަސަންދް ޕާން މަސާލާގެ އިޝްތިހާރެއް ދައްކަން ވަނީ ފަށާފަ އެވެ. އަދި ބައެއް މީހުން ޓުވިޓާގައި މި އިޝްތިހާރު ޝެއާކޮށް މި ކަހަލަ ކެންސަރު ޖައްސާ ބާވަތްތައް އެކުލެވޭ އެއްޗެތި އިޝްތިހާރު ނުކުރަން އަމީތާބުގެ ކިބައިން އެދިފައި ވެއެވެ.

އަދި ނެޝަނަލް އެންޓި-ޓޮބޭކޯ އޮގަނައިޒޭޝަނުން ވެސް މި އިޝްތިހާރުގެ ކެމްޕޭން ކެންސަލް ކުރަން އަމީތާބުގެ ކިބައިން އެދިފައި ވެއެވެ. ސަބަބަކީ މި ބާވަތުގެ ޕާން މަސާލާ ބޭނުން ކުރުމުގެ ސަބަބުން ޒުވާނުން ދުންފަތާ ދޯޅުވާ މިންވަރު އިތުރުވާތީ ކަމަށް އެ އޮގަނައިޒޭޝަނުން އަމީތާބަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވެއެވެ.

އަމީތާބުގެ ފޭނަކު އޭނާ ޓެގް ކޮށްފައި ފޭސްބުކްގައި ލިޔެފައިވާ ލިޔުމެއްގައި މިފަދަ ޕާން މަސާލާ ބްރޭންޑް އިޝްތިހާރެއް އޭނާ ކުޅެން ޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލު ކޮށްފައި ވެސް ވެއެވެ. އަދި މިފަދަ އިޝްތިހާރުތައް ކުޅޭނަމަ އަމީތާބާއި އާދައިގެ އާޓިސްޓުންގެ ފަރަގަކީ ކޮބައިތޯ ވެސް އެމީހާ އަމީތާބާ ސުވާލު ކޮށްފައި ވެއެވެ. އަދި މި މީހާގެ ސުވާލަށް އަމީތާބު ޖަވާބު ވެސް ދިނެވެ.

އަމީތާބު ވަނީ އެމީހާގެ ކިބައިން މާފަށް ވެސް އެދިފަ އެވެ. ނަމަވެސް އެމީހާގެ ސުވާލަކަށް އެ ފަހަރު އަމީތާބު މާ އެދެވޭ ޖަވާބެއް ނުދެ އެވެ. ނަމަވެސް މި ބްރޭންޑްގެ ހަގީގަތް އަމީތާބު ފަހުން އޮޅުން ފިލުވާފައިވާކަން އޭނާގެ އަމަލުން ވަނީ ދައްކާފަ އެވެ.

ޕާން މަސާލާ ކަހަލަ ޕްރޮޑަކްޓްތައް އިޝްތިހާރު ކުރަނީ ވަރަށް މަތި އޮމާން ކޮށްގެން އޭގައި އެކުލެވޭ ބާވަތްތައް މާ ބޮޑަށް ނޭނގޭ ގޮތަށެވެ. އެހެންކަމުން އަމީތާބު ވެސް މި އިޝްތިހާރު ކުޅެން ފެށިއިރު އޭގެ ހަގީގަތް މާ ބޮޑަށް ނޭނގި އޮތީކަމަށް ބެލެވެ އެވެ.