ސިވިލް ކޯޓް

އޮފިސަރުންގެ މައްސަލަ ސިއްރުކޮށްފި

ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކޮމިޝަންޑް އޮފިސަރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ލައިވްކޮށްދިނުމަށް އެދުމުން އަޑުއެހުންތައް ސިއްރުކުރަން ނިންމައިފި އެވެ.

އޮފިސަރުންގެ ފަރާތުން މިމައްސަލާގައި ވަކާލާތު ކުރައްވާ ދިވެހި ޗެމްބާސްގެ ގާނޫނީ ވަކީލު މަރިޔަމް ނިހާޔަތު ސޮއި ކުރައްވާ ސިވިލް ކޯޓަށް ފޮނުއްވި ސިޓީގައި ޝަރީއަތް ލައިވްކޮށްދޭން ވަނީ އެދިވަޑައިގެންފަ އެވެ. ލައިވް ކޮށްދޭން އެދިވަޑައިގެންފައި ވަނީ މި މައްސަލައަކީ އާންމު މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށް ދެކޭތީ އެވެ. މީގެ އިތުރުން ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އަދުލުވެރިކަމާއި ހަމަހަމަކަމާ އެކު ޝަރީއަތް ކުރެވޭ ކަން ކަށަވަރު ކުރުމުގެ ގޮތުން ވެސް ޝަރީއަތް ލައިވްކުރަންޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ނިންމާފައި ވަނީ މި މައްސަލައަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ މައްސަލައަކަށް ވެދާނެ ކަމަށް ފެނިވަޑައިގަންނަވާތީ ޝަރީއަތް ސިއްރުކުރުމަށެވެ. މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފިނަމަ މައްސަލައިގައި އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅިގެން ހިނގައިދާނެ ކަމުގެ އިހުތިމާލް އޮތް ކަމަށް ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

އޮފިސަރުން ކޯޓަށް ހުށަހެޅި މައްސަލަ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ނުވަތަ ޝަރީއަތުން ބޭރުން ހައްލުކުރަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވުމުން އެ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ކޯޓުން ނިންމާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައިވާ އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ފަރުހާދާއި ޝުހާދު ބައިވެރިވެފައެއް ނުވެ އެވެ. އަދި ވަކިކުރަން ނޯޓިސް ދިން އޮފިސަރުންގެ ތެރެއިން ޖަމްޝީދާއި އަހްމަދު މުހައްމަދު މިހާރު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.

ދިވެހި ޗެމްބާސް އިން ކުރިން ބުނެފައި ވަނީ ފުލުހުންގެ އިދާރާގައި އެތައް އަހަރަކު މަސައްކަތް ކުރައްވާފައިވާ އޮފިސަރުންތަކެއް ވަކިކުރަން ނިންމާފައި ވަނީ ބޭއިންސާފުން ކަމަށެވެ. އޮފިސަރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދީ ވަޒީފާ އިން ވަކިކުރާތީ އެ ބޭފުޅުންނަށް ގާނޫނީ ގޮތުން ލިބޭ ހައްގުތަކެއް ގެއްލިފައިވާ ކަމަށްވެސް ވަކީލް ވިދާޅުވި އެވެ.

ފުލުހުންގެ އޮފިސަރުންތަކެއް ވަކިކުރަން ފުލުހުންގެ ބޯޑުން ލަފާ ދީފައިވާ ގާނޫނާ އެއްގޮތަށް ކަން ޔަގީން ކުރުމަށްޓަކައި އެ މައްސަލަ ވަނީ މަޖިލީހުގެ 241 ކޮމިޓީ އަށް ވެސް ހުށަހަޅާފަ އެވެ.