ސިވިލް ކޯޓް

ކްލިއާ ނުކޮށް ހުރި "ފޭކް ސިނގިރޭޓް" ހިފަހައްޓަން އަމުރުކޮށްފި

Dec 26, 2023

"ކެމަލް" ބްރޭންޑްގެ ފޭކު ސިނގިރޭޓް އެތެރެކުރާ ކަމަށް ތުހުމަތުވާ މައްސަލައެއްގައި މިހާރު ކްލިއާ ނުކުރެވި ހުރި މުދާ ހިފެހެއްޓުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައްޗަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

"އެގްޒޮޓިކް އެންޓަޕްރައިސަސް" ނަމަކަށް ކިޔާ ކުންފުންޏަކުން "ކެމަލް" ބްރޭންޑް ކަމަށް ދައްކުވައިގެން ރާއްޖެއަށް ކައުންޓަފީޓް ކޮށްފައިވާ މުދާ އެތެރެކޮށް ވިއްކަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުނީ ސީޖީޓީ ޕްރައިވެޓް ލިމިޓެޑުންނެވެ.

ސީޖީޓީ އަކީ "ކެމަލް" ބްރޭންޑްގެ ސިނގިރޭޓް ރާއްޖެ އެތެރެކޮށް ވިއްކުމުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެއްގެ ހައިސިއްޔަތުން ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އެ ބްރޭންޑްގެ ސިނގިރޭޓް ރާއްޖެ އެތެރެކުރާ ކުންފުންޏެވެ.

ސީޖީޓީ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެގްޒޮޓިކް އެންޓަޕްރައިޒަސް އިން 200 ކޭސް ސިނގިރޭޓް "ކެމަލް" ބްރޭންޑް ޖަހައިގެން ރާއްޖެ އެތެރެކޮށް ބޮންޑެޑް ވެއާ ހައުސްގައި ބަހައްޓާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭގެ ތެރެއިން މިހާތަނަށް 10 ކޭސް ކްލިއާކޮށް ބާކީ 190 ކޭސް އަދިވެސް ބޮންޑެޑް ވެއާ ހައުސްގައި ބަހައްޓާފައިވާ ކަމަށާއި އެގްޒޮޓިކް އެންޓަޕްރައިޒަސް އިން މަޑުމަޑުން އެ މުދާ ކަސްޓަމުން ކްލިއާ ކުރަމުންދާ ކަމަށްވެސް ސީޖީޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

މައްސަލައިގައި ސީޖީޓީއަށް ހެކި ހޯދުމާއި މައުޟޫއީ ދައުވާ ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި ކުރިއަށް އޮތް 20 ނުވަތަ 30 ދުވަހުގެ ތެރޭގައި މައުޟޫއީ ދައުވާ ހުށަހެޅޭނެ ކަމަށެވެ.

ސީޖީޓީން ވަނީ އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ރާއްޖެ އެތެރެކޮށް ވިއްކާ މުދާތަކުގެ ފޮޓޯ އާއި ސީޖީޓީ އިން ރާއްޖެ އެތެރެކުރާ މުދަލުގެ ބޭރުގައި ޖަހާ ލޭބަލް ފެންނަ ފޮޓޯ އާއި ކެމަލް އޮރިޖިނަލް އާއި ކައުންޓަފީޓް ކުރެވިފައިވާ ސިނގިރޭޓްގެ ތަފާތު އަންގައިދޭ ފޮޓޯ ރިޕޯޓް ހެކީގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

މީގެ އިތުރުން ސީޖީޓީގެ ފަރާތުން ސިނގިރޭޓް ކާޓޫން އަޅާ ރާއްޖެއަށް އެތެރެކުރާ ފޮއްޓާއި ކައުންޓަފީޓް ކޮށްފައިވާ މުދާ އަޅާފައިވާ ފޮށީގެ ލޭބަލް ކުރެވިފައިވާ ގޮތުގެ ތަފާތު އެނގޭނެ ފޮޓޯ ހުށަހަޅާފައިވެ އެވެ.

ސިވިލް ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރުގައި ވަނީ އެގްޒޮޓިކް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން އެތެރެކޮށްފައިވާ "ކެމަލް" ބްރޭންޑްގެ އަސްލުކަމާއިމެދު ސުވާލު އުފައްދާފައިވާ މުދަލުން އެއްވެސް މުއާމަލާތެއް ނުކުރުމަށް އެގްޒޮޓިކް އެންޓަޕްރައިޒަސް އަށް އަންގާފަ އެވެ.

އެގްޒޮޓިކް އެންޓަޕްރައިޒަސް އިން އެތެރެކޮށްފައިވާ "ކެމަލް" ބްރޭންޑްގެ އަސްލުކަމާއިމެދު ސުވާލު އުފައްދާފައިވާ މުދަލުގެ އެއްވެސް މިންވަރެއް ކަސްޓަމްސް އިން ކްލިއާ ނުކުރެވި ހުރިނަމަ ހުރި މިންވަރެއް ކުލިއާކުރުން މަޑު ޖައްސާލުމަށް ކަސްޓަމްސްގެ މައްޗަށް އަންގައި އަމުރުކޮށްފަ އެވެ.

މީގެ އިތުރުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން އެތެރެކޮށްފައިވާ "ކެމަލް" ބްރޭންޑްގެ އަސްލުކަމާއިމެދު ސުވާލު އުފައްދާފައިވާ މުދާ ރާއްޖޭގައި ވިއްކާނަމަ އެކަން ހުއްޓުވުމަށް ފުލުހުންނާއި ތަންފީޒީ ހުރިހާ އިދާރާއެއްގެ މައްޗަށް އަމުރުކޮށްފަ އެވެ.