ސިވިލް ކޯޓް

ފަސް އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުން ނިންމީ ގޯސްކޮށް: ސިވިލް ކޯޓު

Dec 21, 2022

ފުލުހުންގެ ފަސް އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުން ގޯސް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު އާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމީ މިދިޔަ އަހަރު އެވެ.

ޕޮލިސް ބޯޑުގެ އެ ނިންމުމުގެ މައްޗަށް އަހުމަދު މުހައްމަދު އާއި މުހައްމަދު ޖަމްޝީދު ފުލުހުންގެ ވަޒީފާއިން ވަނީ މިދިޔަ އަހަރު ވަކިކޮށްފަ އެވެ.

އެ ނިންމުންތައް ބާތިލުކުރުމަށް އެ ފުލުހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެ ފުލުހުން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާކަން ހުށަހެޅި ލިޔުންތަކުން ސާބިތުނުވާ ކަމަށެވެ.

އަހުމަދު މުހައްމަދު އާއި މުހައްމަދު ޖަމްޝީދު ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާ ކަމަށް ބުނެ އޮކްޓޫބަރު 10، 2021 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ވަނީ ވަކިކޮށްފަ އެވެ. އަބްދުﷲ ޝަރީފް އާއި މުހައްމަދު ދާއޫދު އަދި އިސްމާއީލް ޝަމީމް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާ ވަނީ ނޯޓިސްދީފަ އެވެ.

އަހުމަދު މުހައްމަދު އާއި މުހައްމަދު ޖަމްޝީދު ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ހިދުމަތުން ނިންމި ނިންމުމާއި އަބްދުﷲ ޝަރީފް އާއި މުހައްމަދު ދާއޫދު އަދި އިސްމާއީލް ޝަމީމްއަށް ދިން ނޯޓިސްތައް ބާތިލު ކަމަށް ކަނޑައަޅައި ވަނީ ހުކުމްކޮށްފަ އެވެ.