ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި އާއިލާއިން އެދިފައިވާ ގޮތަށް ކޯޓު އަމުރު ނެރެންޖެހޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން ހަށިގަނޑު ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް އާއިލާއިން ވަނީ ދައުވާކޮށްފަ އެވެ.
މައްޔިތާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމި ނިންމުން ބާތިލުކޮށް މައްޔިތާ ވަޅުލުމުގެ ކަންކަން ކުރުމަށް މައްޔިތާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ފުލުހުންގެ ހިދުމަތުގެ މައްޗަށް އަމުރުކުރުމަށް އާއިލާ އިން ހުށަހެޅި މައްސަލައިގައި އެދިފައިވެ އެވެ.
ޝަރީއަތުން ފާހަގަކުރި ކަންކަމުގެ ތެރޭގައި މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމަށް އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދުގައި އިހުމާލުގެ އަމަލަކުން މީހަކު މަރުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި މަރުވެފައިވާ މީހާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންގެ ހިދުމަތަށް ލިބިފައިވާކަން ފާހަަގަކޮށްފައިވެ އެވެ.
އަބްދުﷲ ރަޝީދު މަރުވުމުން ފުލުހުން ވަނީ އޮޓޮޕްސީ ހަދަން ނިންމާފަ އެވެ. ނަމަވެސް އަބްދުﷲގެ އާއިލާއިން ވަނީ އޮޓޮޕްސީ ހެދުމާއި ދެކޮޅުކަން ހާމަކޮށްފަ އެވެ. އޮޓޮޕްސީ ހަދައިފި ނަމަ އަބްދުﷲގެ ހަށިގަނޑާ ހަވާލު ނުވާނެ ކަމަށްވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އަބްދުﷲ ހައްޔަރުކޮށް ލޯންޗަކަށް އަރުވާފައި ހުއްޓާ އޭނާ މަރުވީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
އަބްދުﷲގެ އާއިލާއިން މީގެ ކުރިން ބުނެފައިވަނީ އަބްދުﷲ ލޯންޗަށް އަރުވާފައި ހުއްޓާ މެޔަށް ތަދުވެގެން އެވާހަކަ ފުލުހުން ކައިރީ ބުނި ކަމަށެވެ. ނަމަވެސް ފުލުހުން އެއީ "ޑްރާމާއޭ" ބުނެ ފަރުވާ ދިނުން ލަސްކުރީ ކަމަށެވެ.
އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފަރުވާއަށް އެދުމުން ފަރުވާ ނުދީގެން ކަމަށް މަންޒަރު ދުށް ބައެއް މީހުންވެސް ބުނެފައިވެ އެވެ.
އަބްދުﷲ ރަޝީދު މަރުވި ހާދިސާ އިންސާފުވެރިކޮށް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަންގަވައިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.