ރައްޔިތުންގެ މަޖިލިސް

"ވާނުވާ" ގެ މައްސަލަތައް މަޖިލީހުން މޮނީޓާ ކުރަނީ

އެކި މައްސަލަތުގެ ޝަރީއަތް ނިމެންދެން "ވާނުވާ" ގައި ޖަހާފައި ތިބޭ މީހުންގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުން މޮނީޓާ ކުރަން ނިންމައިފި އެވެ.

ވާނުވާގައި ތިބި މީހުންގެ މައްސަލަތައް ހައްލު ކުރަން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަަލައިގައި ބަހުސްގެ ތެރެއިން ވާނުވާގައި ތިބި މީހުންގެ މައްސަަލަތައް މަޖިލީހުން މޮނީޓާ ކުރަން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެދިވަޑައިގެންނެވި އެވެ.

އާޒިމް އެދިވަޑައިގެންނެވީ ވާނުވާގައި މިވަގުތު ތިބި 370 މީހުންނަކީ ކޮން މައްސަލަތަކެއްގައި ހައްޔަރު ކޮށްފައި ތިބި ކޮން ބައެއްތޯ ބަލައި އަދި އެ މީހުންގެ ތަހުގީގާާއި ޝަރިއަތާ ގުޅޭ މައުލޫމާތު ހޯދާށެވެ. އަދި އެ މީހުންގެ މައްސަލަތައް ނިމިންދެން މަޖިލީހުގެ ކަމާބެހޭ ކޮމިޓީން މޮނީޓާ ކުރުމަށެވެ.

އާޒިމްގެ ހުށަހެޅުއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ތާއީދު ކުރެއްވި އެވެ. އާޒިމްގެ ހުށަހެޅުން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ މަޖިލީހުގެ 43 މެމްބަރުންގެ ވޯޓާއެކު އެވެ.

އާޒިމްގެ ހުށަހެޅުން ފާސްވުމާއެކު އެ މަސައްކަތް ކުރިއަށް ގެންދަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވި އެވެ.