އިންޑިއާގެ ނެޝަނަލް ޑިފެންސް ކޮލެޖުގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް ފުލުހުންގެ އިސްވެރިންނާ ބައްދަލުކޮށްފި އެވެ.
ފުލުހުންގެ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި މިބައްދަލުވުމުގައި ޑިފެންސް ކޮލެޖުގެ 24 ބޭފުޅަކު ބައިވެރިވި އެވެ.
ރާއްޖޭގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަބްދުއް ރަހުމާނާއި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހުއާއި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝަހީމްގެ އިތުރުން ޕޮލިސް އެކަޑަމީއާއި، އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ އިސް މުވައްޒަފުންނެވެ.
މިބައްދަލުވުމުގައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރާވާފައި ހުރި ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އަދި 2019 އިން 2024 އަށް ދިވެހި ފުލުހުން ކުރިއަށް ގެންދިއުމަށް ސްޓްރެޓީޖިކް ޕްލޭންގައިވާ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެ އެވެ.
މީގެއިތުރުން މިހާރު އަމަލުކުރަމުންދާ ފުލުހުންގެ އައު ގާނޫނުގެ ދަށުން ފުލުހުންގެ ހިދުމަތަށް ގެނެސްފައިވާ ބަދަލުތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެ އެވެ.
އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖުގެ ވަފްދުން ރާއްޖެ އަށް ކުރި ޒިޔާރަތަކީ ތަޖުރިބާ ދަތުރެއްގައި ކުރަމުންދާ ޒިޔާރަތެއް ކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެ އެވެ.