ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ގެ ބައްޕަގެ ނަން ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްކެވި ވާހަކަތަކާއި ގުޅިގެން މޫސާ މަނިކު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި މޫސާ މަނިކު، ނަޝީދާއި ގުޅޭގޮތުން ދެއްްކެވި ވާހަކަތަކާއި ގުޅޭ ސުވާލެއް ކުރުމުން ރައީސް ނަޝީދު އެ ސުވާލަަށް ޖަވާބު ދެއްވެވީ މޫސާ މަނިކުގެ ބައްޕަ ރައީސް ނާސިރުގެ ވެރިކަމުގައި އަމަލު ކުރެއްވި ކަމަށް ބުނާ ގޮތެއްގެ މިސާލު ގެންނަވައެވެ.
"އަޅުގަނޑު ގާތުގައި މީހަކު ބުނީ މާލޭގައި އުޅުނޭ ކުޑަ އަލީ ކިޔާ މީހެއް. ދެން އިބްރާހިމް ނާސިރާއި އަބްދުލްހަންނާން ހަލީމްއާ، އަމަންއާންމުގައި އުޅުއްވަނީ އަބްދުލްހަންނާން ހަލީމް، ދެން މި ކުޑަ އަލީ ކިޔާ މީހާ އެކި އެއްޗެހި ކިޔާ އިނގޭތޯ، ނާސިރޭ ކިޔައިގެންވެސް ކިތަންމެ އެއްޗެއްްވެސް ކިޔާ. ދެން އެންމެ ފަހުން ނާސިރު ވިދާޅުވީ އަބްދުލްހަންނާން އަރިހުގައި، ދެން ކުޑަ އަލީ ދޫކޮށްލައިގެން އަޅުގަނޑުމެންނަށް ވެރިކަން ނުކުރެވޭނިއްޔާ ދެން ނުކުރާންވީ ނޫހޭ،" ނަޝީދު ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން މޫސާ މަނިކު ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ދުވަހުގެ އެއް ދުވަސް ފަހުން ފެބްރުއަރީ. 8، 2012 ގަައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ލިބިވަޑައިގެން އަނިޔާގެ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާ ކުރައްވާ ޓްވީޓެއް ކުރައްވާފައެވެ. އެ ދުވަހު ސަލާމަތީ ބާރުތަކާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މޫސާ މަނިކާއި ރައީސް ނަޝީދަށް ވަރަށް ބޮޑަށް އަނިޔާވިއެވެ. މޫސާ އާންމު ކުރެއްވީ އެ މަންޒަރު ފެންނަ ފޮޓޯތަކެކެވެ.
އެ ފޮޓޯތަކާއެކު މޫސަ ވަނީ އެ ދުވަސް ހަނދާން އެބަހުރިތޯ ސުވާލު ކުރައްވާފައެވެ. އަދި ވިދާޅުވީ ރައީސް ނަޝީދުގެ ބައްޕަ ދުނިޔޭގައި ހުންނެވި ނަމަވެސް އޭނާގެ ލޯބިވާ ބައްޕަ ދުނިޔޭގައި ނެތް ކަމަށެވެ.
"ބައްޕަޔާ ނުބެހި ސިޔާސީ ޒުވާބު ކުރަން އެގެން ޖެހޭނެ،"
ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން މޫސަ ރޭ ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ނަޝީދުގެ ތަރި އޮއްސިފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.