ރީކޯ މޫސާ މަނިކު

މޫސަ، ނަޝީދަށް؛ ހަތެއް ފެބްރުއަރީ ކަހަލަ ޅަ އެއްޗެއް ނާޅާތި

ރައްޔިތުންގެ މަޖިލީހުގައި ނެގޭ ވޯޓްތަކުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރޭ ތްރީލައިން ވިޕާ ދެކޮޅަށް ވޯޓް ދެއްވި ނަމަވެސް ޕާޓީން ވަކި ނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ފާޑުވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވާ މޫސަ ވިދާޅުވީ ނިމިގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ރައީސް ނަޝީދު ތާއީދު ކުރެއްވި ކެންޑިޑޭޓް އިމްތިޔާޒް ފަހްމީ ބަލިކުރެއްވުމަށް އޭނާވެސް މަސައްކަތް ކުރެއްވި ކަމަށާ އެ ކަން ކުރި މަގުސަދު މިހާރު ހާސިލްވެއްޖެ ކަމަށެވެ. އަދި ވިޕްލައިނާ ހިލާފުވިޔަސް ނަޝީދު ޕާޓީން ބޭރު ނުކުރެއްވުމަށް އެދިވަޑައިގަތެވެ. ނަމަވެސް އެކަމަށް އެދިވަޑައިގެންނެވީ ފާޑުވިދާޅުވުމާއި ޖެއްސުން ކުރެއްވުމުގެ ގޮތުންނެވެ.

މޫސަ ވިދާޅުވީ ކުރީގެ ރައީސުން އަމިއްލައަށް ޕާޓީ ހެއްދެވިޔަސް ގާނޫނީ އަދަދު ކަމަށްވާ 3،000 ހަމަވަނީ ކިރިޔާ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރަނީ ރައީސް މައުމޫންގެ އެމްއާރްއެމަށެވެ.

"ޕާޓީއަތުން ދޫވީމަ ވާނެ ހަތަރެތި ތި ވަނީ. އިންތި ގޮވައިގެން ނުކުތް އިންތިހާބުން ބަލި ކުރަން އަޅުގަނޑު މަސައްކަތް ކުރި މަގުސަދު އިރާދަކުރެއްވިއްޔާ ހާސިލުވެއްޖެ،" މޫސާ މަނިކު ވިދާޅުވިއެވެ.

އޭގެ ފަހުން ދެން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޕާޓީން ކަނޑާނުލައިގެން އަދި އެހެން މީހެއްގެ ރަނިން މޭޓަކަށް ނުވެވިގެން ނުވަތަ އަމިއްލަ ޕާޓީއެއް އުފައްދަން ލަދުން އުޅުއްވުމުގެ މާނައެއް ނެތް ކަމަށެވެ.

"ރައީސްކަން ކޮށްފައި ޕާޓީ ދޫކޮށްފައިދާ މީހުންގެ ހާލަކީ 3،000 މެންބަރުން ހަމަވަނީ މަރަށް ފުރާނައަށް ކިރިޔާ. ހަތެއް ފެބްރުއަރީ ކަހަލަ ޅަ އެއްޗެއް ނާޅާތި،" ނަޝީދަށް އިޝާރާތް ކުރައްވާ މޫސަ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ނެގޭ ވޯޓްތަކުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރޭ ތްރީލައިން ވިޕާ ދެކޮޅަށް ވޯޓް ދެއްވި ނަމަވެސް ޕާޓީން ވަކި ނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމި ނިންމުމާ ދެކޮޅުކަން ހާމަކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސެޕް ގުރޫޕްގައި ކުރެއްވި މެސެޖެއްގައެވެ.

އެ މެސެޖްގައި ނަޝީދު ވަނީ ޕާލިމަންޓަރީ ގުރޫޕުން ކަންކަން ނިންމަމުންދާ ގޮތަށް ބަލައި ކޮންމެ ފަަހަރަކު ވިޕް ލައިންއާ އެއްގޮތަށް ވޯޓްލާން ބޭނުން ނުވާ މެންބަރުން ތިއްބަވާކަން ފާހަގަކުރައްވާފައެވެ. އޭގެ ފަހަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމުމާ ދެކޮޅު މެންބަރުން ނަން ނޯޓްކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

އަދި ވިދާޅުވީ އާންމު މެންބަރުންނަށް އެ ބޭފުޅުން އެގޮތަށް ވޯޓް ދެއްވާ ސަބަބު ސާފުވެވަޑައިގަންނަވާނެ ކަމަށެވެ. ނަޝީދު ވަނީ އެގޮތަށް އަމަލު ކުރެއްވުމުން ޕާޓީން ވަކިނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. މެންބަރަކު ޕާޓީން ވަކިކުރަން ނިންމަނީ އެކަމާއި ގުޅޭ ކޮމެޓީން ނަމަވެސް ނަޝީދުގެ މެސެޖްގައި ވިދާޅުވެފައި ވަީ "އުންމީދު ކުރަނީ އާންމު މެންބަރުން އަޅުގަނޑުމެން ޕާޓީ ވަކި ނުކުރާނެ ކަމަށް" މިހެންނެވެ.